އައްޑުއަށް ބައިނަލްއަގުވާމީ ބަނދަރުތަކުން މުދާ އެތެރެ ކުރުމަށް މަގުފަހިކޮށްދިނުމަށް ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނިން ގެންނަ ބޯޓް، އެމްއެސްއެސް އޯޕަލް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި ބޯޓަކީ ބައިނަލްއަގްވާމީ ބާޒާރުން އައްޑުއަށް ގެނެވޭ މުދާ މާލޭގައި ޓްރާންސިޓް ކުރުމަށްފަހު އައްޑުއަށް ގެންދިއުމާއި އަދި މާލެއިން ގަންނަ މުދާ ކޮންޓެއިނަރައިޒްޑް ކޮށްގެން އައްޑޫއަށް ގެންދިއުމަށް ބޭނުންކުރާނެ އުޅަނދެކެވެ. އެމްއެސްއެސް އޯޕަލްއަކީ 105 ކޮންޓެއިނަ އުފުލޭ، ބޯޓުގައި ކްރޭން ހަރުކުރެވިފައިވާ އުޅަނދެކެވެ.

މީގެ ތެރޭގައި 20 ރީފާ ކޮންޓެއިނަރު ހިމެނެ އެވެ. މި އުޅަނދަކީ ކްރޭން ހަރުކުރެވިފައިވާ އުޅަނދަކަށްވުމުން އައްޑޫ ސިޓީގެ ބަނދަރުގައި މިވަގުތު ކްރޭން ނެތިގެން ދިމާވާ އެއްވެސް ދަތިކަމެއް މި އޮޕަރޭޝަންގައި ދިމާވެގެން ނުދާނެ އެވެ. އަދި މި އޮޕަރޭޝަންގެ ސަބަބުން މުދާ އުފުލުމުގައި ހުރި ދަތިތައް ހައްލުވެ، ގަވާއިދުން އުފުލަދޭނެ އިތުބާރުކުރެވޭ ފަރާތެއް އުފެދި، ބާޒާރުގައި މި ޚިދުމަތުގެ އަގު އުފުލިގެން ދިއުން ހިފެހެއްޓިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

މީގެ އިތުރުން މޫސުން ގޯސް ދުވަސްވަރު، ދެކުނުގެ ރަށްތަކަށް ކާޑުގެ ބާވާތްތައް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ފިލައި ކާޑުގެ ލިބުމުގެ ޔަގީންކަން އިތުރުވެގެންދާނެ އެވެ.

އެސްޓީއޯއިން ބުނީ މި ބޯޓު ރާއްޖެ ގެނެވި އިދާރީ އެންމެހައި ކަންކަން ނިމުމާއެކު ދުނިޔޭގެ ކޮންމެ ތަނަކުންވެސް އައްޑޫއާ ހަމައަށް، އެމްއެސްއެސް މެދުވެރިކޮށް މުދާ ގެނައުމަށް ބުކް ކުރުމަށް ހުޅުވާލެވޭނެ ކަމަށެވެ. އަދި ކޮންމެ ދިހަ ދުވަހަކުން އައްޑުއަށް މި ބޯޓް ދަތުރުކުރާނީ މާލެ، ހިތަދޫ، ކޫއްޑޫ މާލެ އެވެ. 2020 ވަނަ އަހަރު އުފެއްދި އެމްއެސްއެސް އިން މި ބޯޓް ގެނައުމާއެކު ވެގެންދާނީ އެ ކުންފުނިން ގެންނަ ފަސްވަނަ ބޯޓަށެވެ.

އައްޑޫގެ ސަރަހައްދީ ބަނދަރު ބައިންލައަގްވާމީ ބަނދަރުތަކާ ގުޅުވާލެވުމުން މާލެ ފިޔަވައި އިތުރު ސަރަހައްދެއްގައި ބައިނަލްއަގުވާމީ ބަނދަރެއް ތަރައްގީވެ ވަޒީފާގެ ފުރުސަތުތައް ވެސް ފަހިވެގެންދާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ. އަދި މިއީ ސަރުކާރުގެ ލާ މަރުކަޒީ ސިޔާސަތަށް ވަރުގަދަކަން ލިއްބައިދޭނެ އިތުރު ބޮޅަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.