އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީއެއް ގާއިމުކުރަން ގަތަރުގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

އެސްޓީއޯއިން އިސް ނަގައިގެން ކުރިޔަށް ގެންދާ މި ޕްރޮޖެކްޓާ ބެހޭ ގޮތުން އެ ކުންފުނިން މިރޭ ބުނީ އިހަވަންދިއްޕޮޅުގައި ޕްލޭންކޮށްފައިވާ ޕޯޓް ސިޓީ ޑިވޮލަޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ބަންކަރިން ފެސިލިޓީއެއް ގާއިމުކުރުމަށް ހަވާލުކުރީ މެދުއިރުމަތީގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން އާއެކު ކަމަށެވެ.

އެސްޓީއޯއިން ބުނިގޮތުގައި އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރުމަށް ރޭވިފައިވާ ޕޯޓް ސިޓީގެ އެންމެ މުހިއްމު އެއް ބަޔަކީ ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވެއް ހެދުމާއި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމެވެ. މިގޮތުން މިއަދު ސޮއި ކުރި އެމްއޯޔޫއަކީ އެސްޓީއޯއާއި އާބަކޮން ގުޅިގެން ބަންކަރިން އަދި ގައުމީ ތެލުގެ ރިޒާވް ތަރައްގީކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓްޑީޒްތައް ހަދައި މިޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ސޮއިކުރި އެއްބަސްވުމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އިހަވަންދިއްޕޮޅު އޮންނަނީ އިންޑިއާ ކަނޑުގެ މާލީ މުއާމަލާތްތައް ހިނގާ ޝިޕިންގެ އިރުމައްޗަށް އަދި ހުޅަނގަށް ދަތުރުކުރާ މައި ލޭނުގަ އެވެ. މިސަރަހައްދުން ދުވާލަކު 300 އަށް ވުރެ ގިނަ ބޮޑެތި އާގު ބޯޓު ހުރަސް ކުރެ އެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީއެއް ގާއިމުކުރަން ގަތަރުގެ ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި އެސްޓީއޯގެ އިސްވެރިންނާ ބައިވެރިވަނީ. ފޮޓޯ: އެސްޓީއޯ

ދުނިޔޭގެ ބަންކަރިންގް އިންޑަސްޓްރީއަކީ 150 ބިލިއަން ޑޮލަރުގެ ވިޔަފާރިއަކަށް ވާއިރު، މިސަރަހައްދުގައި ބަންކަންރިންގެ ހިދުމަތް ފަށައި އޭގެ ނަފާ މުޅި ގައުމަށާއި އެސްޓީއޯއަށް ހޯދައިދިނުމަކީ މިޕްރޮޖެކްޓުގެ އެންމެ މުހިއްމު އެއް އަމާޒެވެ. މީގެ ސަބަބުން ރާއްޖޭގެ މެރިޓައިމް ސިނާއަތަށާއި، ގުޅުންހުރި ވިޔަފާރިތަކަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯއިން ދެކެ އެވެ. މީގެ ތެރޭގައި ޝިޕިން އެޖެންސީ، ކްރޫ ޗޭންޖް، ޝިޕް ޗޭންޑްލިންގް، ޝިޕް ރިޕެއާ އަދި ސްޕެއާ ޕާޓްސް ފޯރުކޮށްދިނުން ހިމެނެ އެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީއެއް ގާއިމުކުރަން ގަތަރުގެ ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލް އާއި އިސްމާއިލް އާއި އެސްޓީއޯގެ އިސްވެރިންނާ ބައިވެރިވަނީ. ފޮޓޯ: އެސްޓީއޯ

މީގެ އިތުރުން ބަންކަރިންގް ހިދުމަތް ފެށުމަށްޓަކައި ރެގިއުލޭޓަރީ ފްރޭމްވޯކް އެކުލަވާލުމަށްޓަކައި ބޭރުގެ ފަންނީ ކޮންސަލްޓަންސީ ހޯދައި ޑްރާފްޓް ރެގިއުލޭޝަންސްތައް ވަނީ ތައްޔާރު ކޮށްފައި ކަމަށް އެސްޓީއޯއިން ބުނެ އެވެ. އަދި މިޕްރޮޖެކްޓް ހިންގުމުގައި ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކޮށް، ހޯދަންޖެހޭ އާލާތްތައް، އެމްއެންޑީއެފްގެ ލަފާގެ މަތިން ދަނީ ކުރެވެމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.