ސަރުކާރުގެ ފުރަތަމަ ސަބްމެރިން ކޭބަލް، އޯސީއެމް - އައިއޭއެކްސް، ހުޅުމާލެއަށް އެއްގަން ކޮށްފި އެވެ.

އެ ކޭބަލް މިއަދު އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

އައިއޭއެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ގުޅައިލެވިފައި ވަނީ ހުޅުމާލޭގައި ހުންނަ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ކެބަލް ލޭންޑިންގް ސައިޓާ އެވެ.

ރާއްޖޭގެ މުޅި މުވާސަލާތީ ނެޓްވަޯކް ބަރޯސާވަނީ ޓެލެކޮމް އޮޕަރޭޓަރުންގެ މައިކްރޯވޭވް ވިއުގައަކަށެވެ. އެކި ރަށްރަށަށް ފޯރުކޮށްދޭ އިންޓަނެޓް އާއި ލީސްޑް ލައިންތަކާއި ޓެލެފޯން ނެޓްވޯކް ބޭނުންކުރާ މި ނެޓްވޯކްގެ އިކުއިޕްމެންޓަށް އެންމެ މައްޗަށް ވެސް ގެންދެވޭ ސްޕީޑަކީ 3 ޖީބީޕީއެސް އާއި 5ޖީބީޕީއެސް އާ ދޭތެރޭގައި ކަމުން ރަށްރަށަށް ބޭނުންވާ ހައި ސްޕީޑް އިންޓަނެޓް ފޯރު ކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ.

އައިއޭއެކްސް ސަބްމެރިން ކޭބަލް ގުޅާލުމުން ގިގަބައިޓް ސްޕީޑްގައި ރާއްޖޭގެ އިދާރާތައް ގުޅާލެވޭނެ އެވެ. އިދާރާތައް ގުޅާލުމަށް ހިނގާ ޚަރަދު ބޮޑުތަކުން ކުޑަ ކުރެވޭނެ އެވެ. އެކަމުގެ ސަބަބުން ރާއްޖޭގައި ވިލުންތެރި މުވާސަލާތީ ވިއުގައެއް ޤާއިމުކުރެ ވޭނެ އެވެ. ހަމައެހެންމެ މިކަމުގެ ސަބަބުން ގަވަމެންޓް ނެކްވޯކް އޮފް މޯލްޑިވްސް މެދުވެރިކޮށް އިންޓަނެޓް ފޯރު ކޮށްދިނުމުގެ މަގު ފަހިވާނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ކޭބަލުގެ ޚިދުމަތް ފެށުމުން، މިހާރު އިންޑިއާ ނޫނީ ލަންކާއިން ރާއްޖޭގެ ސާވިސް ޕްރޮވަައިޑަރުން ހޯދާ އިންޓަނެޓް، މިހާރު ލިބޭ އަގުގެ ދެބައިކުޅައެއްބައި އަގުގައި ލިބޭނެ ކަމަށެވެ. އަދި، އެކަމުގެ ސަބަބުން ސްޕީޑު ދެގުނަވާނެ ކަމަށް ބެލެވޭކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އިންޓަނެޓު ފަދަ އަސާސީ ޚިދުމަތެއްގެ މިނިވަންކަން ސަރުކާރަށް ލިބުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެއީ ގައުމުގެ ސަލާމަތާއި، އަދި އިގްތިސާދީ ކުރިއެރުމަށް މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުނި، އޯޝަން ކަނެކްޓުން ކުރި އެ މަސައްކަތް ފެށީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިންޑިއާގެ ރިލަޔަންސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.