ދިރާގުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ އީ-ސްޕޯރޓްސް ކޮމްޕެޓިޝަން، ދިރާގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މިއީ ޖުމްލަ 100,000 ރުފިޔާގެ ޕްރައިޒް ޕޫލްއަކާއެކު ދިވެހިރާއްޖޭގައި ބޭއްވި އެންމެ ބޮޑު އީ-ސްޕޯޓްސް އިވެންޓެވެ. މި ޓޯނަމަންޓްގެ ގްރޭންޑް ފިނާލޭ ކުރިއަށް ގެންދިޔައީ ދިރާގު ހެޑް އޮފީހުގައި ސަޕޯޓަރުންނާއި އާންމުންނަށް މެޗުތައް ކުޅޭތަން ލައިވްކޮށް ބަލާލެވޭ ފަދަ ފޯރިގަދަ އިވެންޓެއްގެ ގޮތުގައި އެ ކުންފުނިން ބުނެ އެވެ.

ގްރޭންޑް ފިނާލޭ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވަނީ އީ-ސްޕޯޓްސް ސަގާފަތް ރާއްޖޭގައި ކުރިއެރުމަށް ދިރާގުން ތިބީ ތައްޔާރަށް ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން މި އިވެންޓަކީ އެކުންފުނިން ދިވެހި ގޭމިން ކޮމިއުނިޓީއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ފެށުން ކަމަށްވެސް އިސްމާއިލް ވަނީ ވިދާޅުވި އެވެ.

ދިރާގުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ އީ-ސްޕޯރޓްސް ކޮމްޕެޓިޝަން، ދިރާގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް ކާމިޔާބު ކުރި ޓީމަށް އިނާމް ދެނީ. ފޮޓޯ: ދިރާގު

ވަރުގަދަ މެޗުތަކަކަށް ފަހު ދިރާގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓްގެ ޗެމްޕިއަންކަން ޓީމް ސްލީޕިން ފޮރެސްޓްއިން ހޯދިއިރު، ދެވަނަ ހޯދީ ޓީމް ވިގަނި އެވެ. އަދި މުބާރާތުގެ ތިން ވަނަ ހޯދައިފައި ވަނީ ޓީމް އެސްއެލްއެފްއޯ މެކްސިސް އެވެ.

ގްރޭންޑް ފިނާލޭ ކުރިއަށް ދިޔައިރު ދިރާގުން ވަނީ އެއް ދުވަހުގެ ފީފާ ޓޯނަމަންޓަކާއި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ދިޔަ ތަފާތު ވީއާރް ކުޅިވަރުތަކާއެކު ގޭމިން ފެސްޓެއް ވެސް ދިރާގު ހެޑް އޮފީހުގައި ބާއްވާފަ އެވެ. މި ފީފާ ޓޯނަމަންޓްގެ ޗެމްޕިއަންކަން ހޯދާ ޕްލޭސްޓޭޝަން 5 ގެ ގްރޭންޑް އިނާމު ލިބިފައި ވަނީ މުހައްމަދު ޒަމީލް ޒިހުނީއަށެވެ.

ފީފާ ޓޯނަމަންޓްގެ ޗެމްޕިއަންކަން ހޯދައި ޕްލޭސްޓޭޝަން 5 ގެ ގްރޭންޑް އިނާމު ލިބުނު މުހައްމަދު ޒަމީލް ޒިހުނީއަށް އިނާމް ހަވާލުކުރަނީ. ފޮޓޯ: ދިރާގު

ދިރާގުން އަންނަނީ އީ-ސްޕޯޓްސް ތަރައްގީކޮށް ކުރިއެރުވުމަށާއި ބައިނަލްއަގްވާމީ ބޮޑެތި ނަންތަކާ އެކު ހަރުދަނާ ގުޅުމެއް ގާއިމުކޮށް ޕްރޮފެޝަނަލް ގޭމް ކުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.