އުރީދޫ މޯލްޑިވްސްއިން ކެރެޑިޓް ނުވަތަ ޑެބިޓް ކާޑާ ނުލައި އައިޓިއުންސް، ނެޓްފްލިކްސް، އެމޭޒަން، ޕްލޭސްޓޭޝަން، އެކްސްބޮކްސް ފަދަ އޮންލައިން ގޭމިންގް އަދި އީކޮމާސް ޕެލެޓްފޯމްތަކުގެ ގިފްޓް ކާޑް ފޯރުކޮށްދޭ ކާޓީ ސްޓޯރު ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ކާޓީ ސްޓޯރު މެދުވެރިކޮށް އުރީދޫން ދެ ޑޮލަރުގެ ކާޑެއް 44ރ. އަށް ވިއްކާއިރު ޑޮލަރަކަށް ޖެހެނީ 22ރ. އެވެ. މީގެ އިތުރުން ފަސް ޑޮލަރުގެ ކާޑެއް 105ރ. އަށް ވިއްކާއިރު ޑޮލަރަކަށް ޖެހެނީ 21ރ. އެވެ. ދިހަ ޑޮލަރުގެ ކާޑެއް 205ރ. އަށް ވިއްކާއިރު ޑޮލަރަކަށް ޖެހެނީ 20.5ރ. އެވެ. އަދި 15 ޑޮލަރުގެ ކާޑެއް 305ރ. އަށް ވިއްކާއިރު ޑޮލަރަކަށް ޖެހެނީ 20.3ރ. އެވެ.

އުރީދޫގެ މިއަގުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ދަނީ ވަރަށް ބޮޑަށް ފާޑުކިއަމުންނެވެ. ބައެއް ފަރާތްތަކުން ސިފަކުރަނީ މިއީ ބޮޑު ސްކޭމެއް ގޮތަށެވެ.

ކާޓީ ސްޓޯރު މެދުވެރިކޮށް ގޭމިން، މިއުޒިކް، އައި ޓިއުންސް، ގޫގްލް ޕްލޭ، ޕްލޭސްޓޭޝަން، އެކްސް ބޮކްސް، ނެޓްފްލިކްސް، ސްޕޮޓިފައި، ޕަބްޖީ، ލީގް އޮފް ލެޖެންޑްސް، ވާރލްޑް އޮފް ވޯކްރާފްޓް ފަދަ އީކޮމާސް އަދި ގޭމިން ޕްލެޓްފޯމްތަކުގައި ބޭނުންކުރުމަށް ގިފްޓް ކާޑު ފަސޭހަކަމާއެކު ގަނެވޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ އެ ކުންފުންޏާއި ކަރްތީގެ މި ޕާޓްނަޝިޕްގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުން ކުރުމަކާ ނުލާ ކާރޓީ ސްޓޯރ އިން ތަކެތި ގަތުމުގެ ފަސޭހަކަން ލިބިގެންދާނެ. ޕޯސްޓްޕެއިޑް ކަސްޓަމަރުން ގެ ބިލުގައި ހިމަނާގޮތަށް ޚިދުމަތް ހޯއްދެވޭއިރު ޕްރީޕެއިޑް ކަސްޓަމަރުންނަށް މޯބައިލް ބެލެންސް ގައި ހުރި އަދަދަކުން ކާރޓީ ސްޓޯރުން ތަކެތި ގަތުމަށް ބޭނުންކުރެވޭނެ ކަމަށެވެ.

"މުޅި ރާއްޖޭގައި ވެސް ފެންނަމުން މިދަނީ އޮންލައިންކޮށް ވިޔަފާރި ކުރުމާއި އޮންލައިން ގޭމިން އަދި އޮންލައިން ސްޓްރީމިން ވަރަށް ބާރަށް ފެތުރެމުން ދާތަން. މިފަދަ ޚިދުމަތްތައް ހޯދުމަށް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކުރަން ޖެހުމަކި ބައެއް ފަރާތްތަކަށް އުނދަގޫ ކަމެއް،" އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވި އެވެ. "މިއަދު އުރީދޫ މޯލްޑިވްސް އާއި ކާޓީ ސްޓޯރު ގުޅިގެން މި ހުޅުވާލެވުނު ޕްލެޓްފޯމަކީ މިހުރިހާ ޚިދުމަތްތަކެއް ހޯދުމަށް ލުއިފަސޭހަ ވެގެންދާނެ ޕްލެޓްފޯމެއް."