ކްލިއާ ކުރުން ލަސްވާ މުދާ ބާލާ ބެހެއްޓޭނެ ސްޓޯރޭޖް ފެސިލިޓީއެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި ހަދައިފި އެވެ.

އެމްޕީއެލްއިން ބުނީ މިސްޓޯރޭޖް ފެސިލިޓީ ހެދީ ކުދި ވިޔަފާރިތަކަށް މުދާ ގެންނަ ފަރާތްތަކުގެ އެދުމުގެމަތިން ކަމަށެވެ. ކުދި ވިޔަފާރިކުރާ ފަރާތްތަކުން ގިނަ ވިޔަފާރިތައް އެކުވެ އެއް ކޮންޓެއިނަރުގައި މުދާ އެތެރެކުރާއިރު ވަކި މުދަލެއް ކްލިއާ ކުރުމުގައި ލަސްވިނަމަވެސް ބޮޑު ފީ އެއް ދައްކަންޖެހޭ ކަމަށް އެމްޕީއެލްއިން ބުނެ އެވެ.

އަލަށް ގާއިމްކުރެވުނު މިފެސިލިޓީގެ ސަބަބުން މި ފީ ކުޑަ ވެގެންދާނެ ކަމަށް އެމްޕީއެލްއިން ބުނެ އެވެ.

އެމްޕީއެލްއިން ބުނީ މިހާރު ގާއިމްކޮށްފައިވާ ފެސިލިޓީގައި 550 ކިއުބިކް މީޓަރު(ސީބީއެމް)ގެ މުދާ ބެހެއްޓޭނެކަމަށެވެ. އެއީ 16 ކޮންޓެއިނަރުގެ މުދަލެވެ. އެމްޕީއެލް ސްޓޯރޭޖްގައި ސީބީއެމަކަށް ނަގަނީ ދުވަލަކަށް 26 ރުފިޔާ އެވެ.

އެމްޕީއެލްއިން ބުނީ ކެޕޭސިޓީގައި ދަތިކަމެއް ކުރިމަތިވޭތޯ ދެ މަސް ދުވަހަށް ބަލާނެކަށެވެ. އަދި އިތުރަށް ބަދަލެއް ގެންނަންޖެހޭނަމަ، ޕޯޓު ތެރެއިން ކޮންމެވެސް ވަރަކަށް އިތުރަށް ޖާގަ ލިބޭނެ ކަމަށެވެ.

އެމްޕީއެލްގެ ޕޯޓަށް އެވަރެޖްކޮށް ދުވާލަކު 187 ކޮންޓެއިނަރުގެ މުދާ ހުސްކުރެ އެވެ.