މޯލްޑިވިއަން އިން ފުރަތަމަ ފަހަރަށް އިންޑިއާގެ ބެންގަލޫރަށް ޝެޑިއުލް ދަތުރުތައް ފަށަން ނިންމައިފި އެވެ.

ގައުމީ އެއާލައިނުން މިއަދު ބުނީ، އަންނަ މަހުގެ 30 އިން ފެށިގެން ބެންގަލޫރަށް ދަތުރުތައް ކުރާނެ ކަމަށެވެ.

އިންޑިއާގެ އެންމެ ބޮޑު އެއް ސިޓީގެ ތެރޭގައި ހިމެނޭ ބެންގަލޫރަކީ ސިއްހީ ކަންކަމަށާއި ތައުލީމީ ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން އަބަދުވެސް ދަތުރުކުރާ މަންޒިލެކެވެ.

މޯލްޑިވިއަން އިން ބުނީ މިދަތުރުތައް ފެށުމާއެކު ކޮންމެ ހަފްތާއެއްގެ ހޯމަ އާއި ބުރާސްފަތީގައި ބެންގަލޫރަށް ދަތުރުތައް ކުރާނެ އެވެ.

އެ އެއާލައިނުން ބުނީ، ބެންގަލޫރަށް ދަތުރުތައް ފަށަން ނިންމީ އެ އެއާލައިންގެ އިންޓަނޭޝަނަލް ރޫޓުތައް އިތުރުކޮށް އާންމުންނަށް އިތުރަށް ފަސޭހަކޮށްދިނުމަށެވެ.

މިއަދުން ފެށިގެން އެ އެއާލައިނުން ބެންގަލޫރަށް ދާން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ގަނެވޭނެ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

މޯލްޑިވިއަން އިން މިހާރު ދަތުރުކުރަނީ އިންޑިއާގެ ޓްރިވެންޑްރަމް އާއި ކޮޗިންއަށެވެ. އެ އެއާލައިނުން 2021 ވަނަ އަހަރާ ހަމައަށް އިންޑިއާގެ ދިއްލީއަށް ވެސް މޯލްޑިވިއަން އިން ދަތުރު ކުރި އެވެ. އަދި އިންޑިއާގެ އިތުރުން މޯލްޑިވިއަން އިން މިވަގުތު ދަތުރު ކުރަނީ ބަންގްލަދޭޝްގެ ޑާކާއަށެވެ.

މޯލްޑިވިއަން އިން ރާއްޖެ އިން ބޭރުގެ ގައުމުތަކަށް ދަތުރުކުރަން މިވަގުތު ގެންގުޅެނީ އެއާބަސް އޭ 320 ބޯޓެވެ. އިތުރު އެއާބަސް ބޯޓެއް ހޯދުމަށް ގައުމީ އެއާލައިނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.