ދިވެހިން މިއަހަރު އެންމެ ގިނައިން ދަތުރުކުރީ އިންޑިއާއަށް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ރާއްޖޭގެ ބޯޑަރު ބަލަހައްޓާ އިދާރާއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 119،800 އަށްވުރެ ގިނަ ދިވެހިން ވަނީ ބޭރަށް ދަތުރުކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ދިވެހިން ދަތުރުކޮށްފައިވާ އިންޑިއާއަށް ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެ ގޮތުން އިންޑިއާއަށް 47،000 އަށް ވުރެ ގިނަ ދިވެހިން ވަނީ ދަތުރުކޮށްފަ އެވެ.

އެ ތަފާސްހިސާބުތަކުން ދައްކާގޮތުން ދިވެހިން އިންޑިއާއަށް އެންމެ ގިނައިން ދަތުރުކޮށްފައި ވަނީ ޖޫން އަދި ޖުލައިގަ އެވެ. އަދި ޖޫން މަހު 22،700 އަށް ވުރެ ގިނަ މީހުން ބޭރަށް ދަތުރުކޮށްފައިވާއިރު، އޭގެ ތެރެއިން 8،700 މީހުން ދަތުރުކޮށްފައި ވަނީ އިންޑިއާއަށެވެ.

އޭގެ އިތުރުން ޖުލައި މަހުގައި 31،200 ދިވެހިން ބޭރަށް ދަތުރުކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އިންޑިއާއަށް 12،150 މީހުން ދަތުރުކޮށްފައިވެ އެވެ.

އަހަރު މިހާތަނަށް ބަލާއިރު އެންމެ މަދުން މީހުން އިންޑިއާއަށް ދަތުރުކޮށްފައިވަނީ އޭޕްރީލް މަހު އެވެ. އެ މަހު ރާއްޖެއިން ބޭރަށް 12،600 ދިވެހިން ދަތުރުކުރިއިރު، އިންޑިއާއަށް ދަތުރުކުރި އަދަދު އުޅެނީ 3،450 ގަ އެވެ.

އެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަކީ އިންޑިއާ ފަތުރުވެރިންގެ މެދުގައި ވެސް މަގްބޫލް މަންޒިލެކެވެ. އެގޮތުން އަހަރުގެ މިހާތަނަށް އިންޑިއާއިން ވަނީ 114،454 މީހުން ޓޫރިސްޓުންގެ ގޮތުގައި ރާއްޖެ އައިސްފަ އެވެ.