ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެންމެ އުތުރުން ޓޫރިޒަމަށް ޚާއްސަކޮށްގެން ތަރައްގީކުރާ ރަށް، "އާބަން އައިލް"ގައި ސާވިސް އެޕާޓްމަންޓް އިމާރާތްތަކެއް ތަރައްގީކުރުމަށް 10 ބިމެއް ބިޑަށް ހުޅުވާލައިފި އެވެ.

އެޗްޑީސީން ބުނީ ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ތަރައްގީކުރާ ރަށުގައި ސާވިސް އެޕާޓްމަންޓްތައް ތަރައްގީކުރަން ދޫކުރާ ބިންތަކަކީ 6،500-8،000 އަކަފޫޓާ ދެމެދުގެ ބިންތަކެއް ކަމަށެވެ. މި ބިންތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި 200،000 އާއި 245،000 ޑޮލަރު އަގެއް ވަނީ ކަނޑައަޅާފަ އެވެ. އަދި މި ބިޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ބޭރުގެ އިންވެސްޓަރުންނަށް ވެސް ވަނީ ހުޅުވާލާފަ އެވެ.

އެޗްޑީސީން ބުނީ އެ ބިންތަކުގައި ހިންގާ މަޝްރޫއުގެ އަގަކީ 4.9 މިލިއަން ޑޮލަރުން ފެށިގެން 6.5 މިލިއަން ޑޮލަރުއާ ދެމެދުގެ އަގުތަކެއް ކަމަށެވެ. އަދި މި ބިންތަކުގައި ހަދާ ޢިމާރާތްތަކުގެ އުސްމިން ކަނޑައަޅާނީ ބިމުގެ ލޮކޭޝަނަށް ބެލުމަށް ފަހު ކަމަށާއި، އެ އިމާރާތްތަކުގައި އެއް ކޮޓަރީގެ އެޕާޓްމަންޓުން ފެށިގެން ހަތަރު ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އާބަން އައިލްއަކީ ހުޅުމާލޭގެ އެންމެ އުތުރުން އޮންނަ ޓޫރިޒަމަށް ހާއްސަ ކޮށްފައިވާ ރަށެކެވެ. ހުޅުމާލެއާއި ރާއްޖޭގެ އިގުތިސާދީ މައި ހަބު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، އާބަން އައިލް ގުޅިފައިވުމުން މި ތަނުގެ ޓޫރިޒަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އާބަން އައިލް ޕްރޮޖެކްޓް ތައާރަފްކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ގާތްގަނޑަކަށް 23 ހެކްޓަރުގެ މި ރަށުގައި ޓޫރިޒަމަށް ޚާއްސަ ތަފާތު ގިނަ އެކޮމޮޑޭޝަން ފެސިލިޓީތައް ހިމެނޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. މިގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ޓޫރިސްޓުންގެ އިތުރުން، ކުރު މުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮން މަޑުކުރާ ޓޫރިސްޓުންނަށާއި، ވިޔަފާރި ބޭނުމަށް އަންނަ ޓޫރިސްޓުން، އަދި، ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް ހިމެނޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

މި ޕްރޮޖެކްޓުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް އެޗްޑީސީން ފާހަގަކުރެ އެވެ. ޓޫރިޒަމް ސިނާއަތާއި ރިއަލް އެސްޓޭޓް ސިނާއަތުގައި ހިމެނޭ ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބުމުގެ އިތުރުން، މިސަރަހައްދުގައި އޮޕަރޭޓުކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށާއި، އަލަށް ވިޔަފާރީގެ ދާއިރާއަށް ވަންނަ ފަރާތްތަކަށް ވެސް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.