އެސްޓީއޯ ސްޓާފް ޖިމް އެސްޓީއޯ ގްރޫޕްގައި ހިމެނޭ ހުރިހާ ކުންފުނިތަކުގެ މުވައްޒަފުންނަށް ހުޅުވާލައިފި އެވެ. އެސްޓީއޯ ސްޓާފް ކުއާޓާޒްގައި ހުންނަ މިޖިމް ހުޅުއްވައިދެއްވީ އެސްޓީއޯގެ ސީއީއޯ ސައީދު އެވެ.

އެސްޓީއޯ ސްޓާފް ޖިމްއަކީ އެންމެ ޒަމާނީ ވަސީލަތްތައް ހިމަނައިގެން ތައްޔާރު ކޮށްފައިވާ ޖިމްއެކެވެ. އަދި މިޖިމަކީ ޖާގައިގެ ގޮތުން ތަނަވަސް، ގިނަ ބަޔަކަށް އެއްފަހަރާ ބޭނުން ކުރެވޭ ގޮތަށް ހަދާފައިވާ ތަނެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޖިމް ހުޅުވުމުގެ ގޮތުން އެސްޓީއޯ ގްރޫޕްގައި ހިމެނޭ ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯ ސީއީއޯ ވިދާޅުވީ ޖިމް ބޭނުން ކުރުމަށް އެސްޓީއޯ ގްރޫޕްގެ އެއްވެސް މުވައްޒަފެއްގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ.

އެސްޓީއޯ ސްޓާފް ޖިމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ އެމްޑީ ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ: އެސްޓީއޯ

ޖިމްގެ އެންޓްރެންސް ފީ ހިލޭ ކުރުމުގެ އިތުރުން، މުވައްޒަފުން ޖިމްގައި ކަސްރަތު ކުރާ ވަގުތު އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފިޓްނަސް އިންސްޓްރަކްޓާއެއްގެ ހިދުމަތްވެސް ކުންފުނީގެ ހަރަދުގައި ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މުވައްޒަފުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް އިސްކަންދީގެން ޖިމްގައި ފިޓްނަސް އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.