މާލޭގެ ކޮމާޝަލް ހާބަރު ގުޅިފަޅަށް ބަދަލުކޮށް އެ ތަނުގައި ވިޔަފާރި ބަނދަރުު ހަދާނެ ކުންފުންޏެއް ހޮވުމަށް ވަރަށް އަވަހަށް ބީލަމަން ހުޅުވާލާނެ ކަމަށް އިންޑިއާގެ އެގްޒިމް ބޭންކުން ބުނެފި އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ އޮފޝަލަކާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ އިކޮނޮމިކް ޓައިމްސް އިން ބުނީ ބަނދަރުގެ އިންޖިނިއަރިން، ޕްރޮކިޔުމެންޓް އަދި ކޮންސްޓްރަކްޝަން (އީޕީސީ) ޓެންޑަރަށް، އަންނަ އަހަރުގެ މާޗު މަހަށް ނިމޭ އިންޑިއާގެ މާލީ އަހަރުގެ ކުރިން ހުޅުވާލާނެ ކަމަށެވެ.

އީޕީސީގެ ދަށުން ހޮވާ ކުންފުންޏަކުން ބަނދަރުގެ އިންޖިނިއަރިން، ޑީޓެއިލް ޑިޒައިން، ލޮޖިސްޓިކާއި މެޓީރިއަލް އަދި ބަނދަރު ހެދުމުގެ އަމަލީ ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެ އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ)ގެ ކްރެޑިޓް ފެސިލިޓީއެއްގެ ދަށުން ހަދާ ބަނދަރަކަށް ވާތީ މި ޕްރޮޖެކްޓަށް ބިޑް ކުރެވޭނީ ހަމައެކަނި އިންޑިއާގެ ކުންފުނި ތަކަށެވެ. ބަނދަރު މަޝްރޫއަށް އިންޑިއާގެ ލައިން އޮފް ކްރެޑިޓުން 75 ޕަސެންޓް ފައިނޭންސް ކުރާނެ އެވެ.

ގުޅިފަޅުގައި ބަނދަރު ހަދަނީ 20 ފޫޓުގެ 400،000 ކޮންޓޭނަރަށް ކޭޓާ ކުރެވޭ ގޮތަށެވެ. އާ ބަނދަރު ތަރައްގީ ކުރަނީ އިދާރީ އޮފީސްތަކާއި ކޮންޓެއިނާ ޓާމިނަލަކާއި ޖެނެރަލް ކާގޯ ޓާމިނަލް އަދި ބޮންޑެޓް ވެއާހައުސްތައް ހިމެނޭ ގޮތަށެވެ. ގުޅިފަޅު ބަނދަރު ނިންމަން ހަމަޖެހިފައި ވަނީ 2026 ވަނަ އަހަރު އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް މިހާތަނަށް ވަނީ 1.4 ބިލިއަން (21.5 ބިލިއަން ރުފިޔާ) ޚަރަދުކޮށްފަ އެވެ. އޭގެ ތެރޭގައި ހަނިމާދޫ އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމާއި ވިލިމާލޭ ބްރިޖުގެ މަސައްކަތް ހިމެނެ އެވެ.

ސަރުކާރުން މިހާރު ދަނީ ގުޅިފަޅު ބިންހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރަމުންނެވެ. ގުޅިފަޅުގައި ބަނދަރު ހެދުމާއި މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް އެ ފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިދިޔަ މަހު ވަނީ ފަށައިފަ އެވެ. ދެވަނަ ފިޔަވަހީގެ ވެސް ބިން ހިއްކުން ހަވާލުކޮށްފައި ވަނީ ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ އެވެ. އެއީ 130.4 މިލިއަން ޑޮލަރު (2.01 ބިލިއަން ރުފިޔާ) ގެ ޕްރޮޖެކްޓެކެވެ. ގުޅިފަޅުން ބިން ހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބޮސްކާލިސްއާ ހަވާލުކޮށްގެން 192 ހެކްޓަރުގެ ބިން ވަނީ މީގެ ކުރިން ހިއްކައިފަ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 53 މިލިއަން ޑޮލަރު (817.26 މިލިއަން ރުފިޔާ) އަށެވެ. އެ ޕްރޮޖެކްޓް ބޮސްކާލިސްއާ ހަވާލުކުރީ ބިޑަކާ ނުލަ އެވެ. ދެވަނަ ފިޔަވަހީގެ ބިންހިއްކުން އަގުބޮޑުވި ކަމަަށް ބުނެފައި ވަނީ ހިއްކަން ޖެހޭބައި ފުންވުމުންނެވެ. މީގެ އިތުރުން އެމްޓީސީސީއާ ހަވާލުކޮށްގެން 80،000 ކިއުބިކް މީޓަރުގެ ބިން ގުޅިފަޅުން ހިއްކާފައިވެ އެވެ. އެއީ 8.9 މިލިއަން ރުފިޔާ އަށެވެ.

ގުޅިފަޅުން ބިން ހިއްކުމަށް ސަރުކާރުން ވަނީ އޭބީއެން އެމްރޯ ބޭންކާއި ޔޫރަޕިއަން އެކްސްޕޯޓް ޓްރޭޑް ބޭންކް އަދި އައިއެންޖީ ބޭންކުން 101 މިލިއަން ޔޫރޯ (1.6 ބިލިއަން ރުފިޔާ)ގެ ލޯނެއް ނެގުމަށް މިދިޔަ އަހަރު ސޮއިކޮށްފަ އެވެ.