ހަނިމާދޫ އިންޓަނޭޝަން އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ 50 ޕަސެންޓް ނިމިފައިވާ ކަމަށާއި އެ އެއާޕޯޓުގެ އާ ރަންވޭ އަންނަ މަހު ބޭނުންކުރަން ފަށާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އިން ބުނެފި އެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނީ މިހާރު ހަނިމާދޫގައި ބޭނުންކުރަމުންދާ ރަންވޭގެ އޮޕަރޭޝަން އެއްކޮށް މެދުކަނޑާނުލައި އެއާޕޯޓްގެ ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް އެއްކޮށް ނިންމާ ޖެނުއަރީ މަހު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު މަޝްރޫއުގެ ދަށުން އެންމެ ބާރަށް ކުރިއަށްދަނީ ރަންވޭގެ މަސައްކަތެވެ. މިމަޝްރޫއުގެ ދަށުން ހަނިމާދޫގައި 2،465 މީޓަރުގެ ރަންވޭއެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އާ ރަންވޭގެ މަސައްކަތް ކުރިއަށްދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ރަންވޭގެ އިތުރުން އެއާޕޯޓްގައި ތަރައްގީކުރާ ޓާމިނަލްއާއި، ސީޕްލޭން ޖައްސާ ސަރަހައްދާއި، ފިއުލް ސްޓޯރޭޖާއި، ފަޔާ ބިލްޑިން އާއި އެހެނިހެން ސާވިސް އިމާރާތްތަކުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުގެ 6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ)ގެ ލޯނެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.

އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އިންޑިއާގެ ބޮޑު އިންފްރާސްޓްރަކްޗާ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ އެކްސްޕޯޓްސްއާ އެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތާއެކު، ފުރަތަމަ އަހަރު ތެރޭގައި އެ އެއާޕޯޓު މެދުވެރިކޮށް ދުވާލެއްގެ މައްޗަށް 300 ޓޫރިސްޓުން އަންނާނެ އެވެ.

މިމަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރަން ނިންމާފައިވެ އެވެ. މިމަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.