ދިރާގު މޯލްޑިވްސް ރޯޑް ރޭސް އަންނަ އޮކްޓޫބަރު 27 ގައި ބާއްވަން ނިންމައިފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ޕްރެސް ކޮންފަރެންސެއްގައި ދިރާގުން ބުނި ގޮތުގައި މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) އޮންނާނީ އޮކްޓޯބަރު 27 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުންމީދީ ދުވުމުގެ 14 ވަނަ އެޑިޝަން އެވެ.

ދިރާގުގެ ޑިރެކްޓަ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ދިރާގު މޯލްޑިވްސް ރޯޑް ރޭސް އަނެއްކާ ވެސް އާންމުންނާއި ހަމައަށް ގެނެސްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި އިވެންޓަކީ އާންމުންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބޭ އަދި ގިނަ މީހުން މިކަމަށް އިންތިޒާރު ކުރާ އިވެންޓެއް. 2007 ވަނަ އަހަރު ޑީއެމްއާރްއާރް ވަނީ ދިވެހިރާއްޖޭގައި މާސް ޕާޓިސިޕޭޝަން ރޭސްތައް ފަށައި، ރާއްޖޭގައި ދުވުމުގެ ސަގާފަތް ގާއިމުކޮށްފައި،" މިރްޝާން ހަސަން ވިދާޅުވި އެވެ. "މިއަހަރު ފުރަތަމަ ފަހަރަށް ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެ. ކުރިއަށްވުރެ ބޮޑެތި ފައިސާގެ އިނާމުތަކާއި ތަފާތު ކުލަގަދަ ހަރަކާތްތަކަކާއި އެކު މިއަހަރުގެ ޑީއެމްއާރްއާރް ވަރަށް ފޯރިގަދަ ވާނެ."

ޑީއެމްއާރްއާރްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި މުޖުތަމަޢުތައް އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. މީގެ އިތުރުން މިއީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ޑީއެމްއާރްއާރް 2023 އަކީ ވެސް ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް) ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަކޮށްފައިވާ ދުވުމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ. އެގޮތުން ދިރާގުން އެންޑޯސްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ 5 ޖަމިއްޔާއަކަށް އެ ފަރާތްތަށް ރޭވިފައިވާ ހަރަކާތްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން އެއްމިންވަރެއްގެ ފައިސާގެ އެހީތެރިކަން ދިރާގުން ދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ހަމަހަމަކޮށް އެންޑޯސްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށް ވެސް އެކުންފުނިން ވަނީ ނިންމާފަ އެވެ.

މާދަމައިން ފެށިގެން ޑީއެމްއާރްއާރްގެ ރަޖިސްޓްރޭޝަން ހުޅުވާލާނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި ދުވަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 23:59 އަށް ނުވަތަ 4،000 ބައިވެރިންގެ ލިމިޓް ހަމަވަންދެކަށް މި އިވެންޓްގައި ބައިވެރިވުމަށް ރަޖިސްޓަ ކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސްއަށް ރަޖިސްޓަރ ކުރުމަށާއި މި އިވެންޓާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް www.dmrr.mv އިން ލިބޭނެ އެވެ.