މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން 6 ބައިވެރިންނާއެކު އޭޓީސީ ރާޑާ ކޮންޓްރޯލް ޓްރެއިނިން ކޯހެއް ފަށައިފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ މި ކޯސް ފަށާފައި ވަނީ ޖުލައި 30 ގަ އެވެ. 8 ހަފުތާއަށް ފަރުމާކޮށްފައިވާ މި ކޯސް ނިންމާލާނީ ސެޕްޓެމްބަރު 21އާއި ހަމައަށް ކުރިއަށް ދާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

މި ތަމްރީނުތައް ފޯރުކޮށްދެނީ ލީޑް އިންސްޓްރަކްޓަރެއްގެ ގޮތުގައި ގްލޯބަލް އޭޓީއެސް/ ޔޫކޭގެ ރިޗަޑް ތޯމަސް ސްމިތު އަދި އިންސްޓްރަކްޓަރުންގެ ގޮތުގައި އެމްއޭސީއެލްގެ މުހައްމަދު އަތުހަރު އަދި އަހުމަދު ނަޒީރު ހަރަކާތްތެރިވެ އެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި އެ ކުންފުންޏަކީ ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް އެއާ ނެވިގޭޝަންގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަށްވުމާއެކު، މި ކޯހަކީ ވެސް ކުންފުނީގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތްތެކެވެ.

އެމްއޭސީއެލް އިން ކުރިޔަށް ގެންދާ އޭޓީސީ ރާޑާ ކޮންޓްރޯލް ޓްރެއިނިން ކޯހުގެ ބައިވެރިންނަށް ސެޝަނެއް ނަގައިދެނީ. މި ކޯހުގައި 6 މީހަކު ބައިވެރިވޭ.

އެމްއޭސީއެލް އިން ވަނީ 2023 ވަނަ އަހަރު އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރު ލައިސަންސްގެ ދެ ކޯހެއް ވެސް އިފްތިތާހުކޮށްފަ އެވެ. އެއީ އޭރިއާ ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް (އައިކާއޯ 055) އާއި އެޕްރޯޗް ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް (އައިކާއޯ 053) އެވެ. އެއީ އެމްއޭސީއެލް އިން އެއްފަހަރާ ދެ އޭޓީސީ ރޭޓިން ޓްރެއިނިން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) ޓަވަރު ސިމިއުލޭޓަރު އެމްއޭސީއެލް އިން ހުޅުވީ 2021 ވަނަ އަހަރު އެވެ. މި ސިމިއުލޭޓަރަކީ އެއާ ޓްރެފިކް ކޮންޓްރޯލް އޮފިސަރުން ތަމްރީނު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ސިމިއުލޭޓަރެކެވެ.

އެމްއޭސީއެލްގެ ކަސްޓަމަރުންނާއި ސްޓޭކްހޯލްޑަރުންނަށް އެންމެ މަތީ ފަންތީގެ ތަމްރީނާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ އިރު، ފުރަތަމަ ފަހަރަށް އޭޓީސީ ރާޑާ ކޮންޓްރޯލް ޓްރެއިނިން ދެވެން ފެށުމަކީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.