މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ "ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓާ" އިތުރު ބަދަލުތަކަކާއެކު އަލުން ޝާއިއުކޮށްފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން ބުނީ "ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓާ" އަކީ މީރާއިން ދޭ ޚިދުމަތްތަކުގެ ފެންވަރާއި މީރާގެ ކިބައިން ޓެކްސް ދައްކާ ފަރާތްތަކާއި އެހެނިހެން ފަރާތްތަކުން އުންމީދު ކުރެވިދާނެ ކަންތައްތައް ހިމަނައިގެން ތައާރަފުކޮށްފައިވާ ޗާޓާއެއް ކަމަށެވެ. މީގެ އިތުރުން، މި ޗާޓަރުގައި ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ވެސް ބަޔާންކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މީރާ އިން ބުނީ އެ ޗާޓަރުގެ ބޭނުމަކީ އެތަނުން ޚިދުމަތް ހޯދާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ އިތުރުން، ޚިދުމަތް ހޯދާ ފަރާތްތަކުން ވެސް މީރާއަށް އެހީތެރިވެދިނުން ކަމަށެވެ.

"ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓާ" އަށް ގެނައި ބަދަލުތަކުގެ ތެރޭގައި، މީރާގެ ޚިދުމަތުގެ ފެންވަރުގެ މިންގަޑުތަކަށް ވަނީ ބަދަލުގެނެސްފަ އެވެ. މީގެ އިތުރުން، ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމުގައި މީރާގެ އޮންލައިން ޚިދުމަތްތައް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކޮށް، މި ވަސީލަތްތައް ބޭނުންކުރުމަށް އިސްކަންދިނުމަށް ބާރުއަޅައިފައިވާކަން ފާހަގަކުރެވެ އެވެ.

މީރާ އިން ބުނީ އެ ޗާޓަރުގައި ކަނޑައަޅައިފައިވާ ޚިދުމަތުގެ ފެންވަރުތަކާ އެއްހަމައަށް މީރާގެ ޚިދުމަތްތައް ދިނުމަށް މީރާއިން ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ. އަދި މީރާގެ އަމާޒަކީ ޓެކްސް ދައްކާ ފަރާތްތަކަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުވައިދޭ ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި އަބަދުވެސް އޮތުން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.