ހުޅުމާލޭން ގޯތި ދިނުމަށް ބޭނުންވާ ބިމާއި ސަފާރީތަކަށް ހާއްސަ ދިޔަނެރު ފަޅު އަދި ތިލަފުށި ބިން ހިއްކުމަށް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ (ސީއެމްސީ) އާ ހަވާލުކޮށް، މަސައްކަތް ފަށައިފި އެވެ.

އެ މަސައްކަތް ހަވާލުކުރި އެޗްޑީސީން މިއަދު ބުނީ ސީއެމްސީ އާއި ހަވާލްކޮށްގެން ބިން ހިއްކުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން ހުޅުމަލޭގެ ފޭސް 3، ދިޔަނެރު، ތިލަފުށި އޭރިއާ ޑީ، ބިން ހިއްކަން ސީއެމްސީއާ ހަވާލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި މަސައްކަތުގެ އަގެއް އަދި މަސައްކަތް ނިމޭނެ މުއްދަތެއް އެޗްޑީސީން ނުބުނެ އެވެ. އެ މަސައްކަތް ހަވާލުކުރީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގުޅިފަޅު ހިއްކައިގެން އެޕާޓްމަންޓް ދޭނެ ކަމަށް ބުނެ އެތައް ބަޔަކަށް ލަނޑުދިން ސިވަރާޖާ މަނިވަންނަންގެ ހިއްސާ އޮންނަ ކުންފުންޏަކާ އެވެ.

އެޗްޑީސީން ބުނީ މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3އިން 62.6 ހެކަޓްރ، ދިޔަނެރުން 24.6 ހެކްޓަރު އަދި ތިލަފުށި އޭރިއަ ދީ އިން 9.6 ހެކްޓަރ ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ގެދޮރުވެރިކަމުގެ ބޭނުންތަކާއި، އިންޑްސްޓްރިއަލް ބޭނުންތަކާއި، މެރީނާގެ ބޭނުންތައް ފުއްދުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ގަބޫލުކުރާ ކަމަށް އެޗްޑީސީން ބުނެ އެވެ.