ބިދޭސީންގެ މައްސަލަތައް ހައްލުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން އާރުޑީސީން އިސްދައުރެއް އަދާކުރާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު ވިދާޅުވީ ބިދޭސީންގެ މައްސަލައަށް ހައްލު ގެނައުމުގެ ގޮތުން މާލެ ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީން ތިބުމަށް އެކޮމޮޑޭޝަން ބްލޮކްތައް ގާއިމުކުރުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.

"މިހާރުވެސް އަޅުގަނޑުމެން އިއުލާން ކޮށްގެން އެބަ ކުރިއަށް ގެންދަން 7،000 މީހުންގެ ބޮޑު އެކޮމޮޑޭޝަން ފެސިލިޓީއެއް ގާއިމު ކުރުމުގެ މަސައްކަތް. މިހާރު ވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެކޮމޮޑޭޝަން ފެސިލިޓީއެއް ވަނީ ހަދާފައި،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާރުޑީސީގެ ޓީމު ކިތަންމެ ކުޑަޔަސް އެ ކުންފުނިން ފެނިގެން ދަނީ ޓީމުގެ ހިތްވަރާއި އެކީގައި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ކުރިމަތިލާ އޭގެ ނަތީޖާ ނެރެމުންދާތަން ކަމަށެވެ.

އެ ކުންފުނިން ބިދޭސީންނަށް ހާއްސަކޮށް ހުޅުމާލޭގައި ހަދާފައިވާ އެކޮމޮޑޭޝަން ފެސިލިޓީއަކީ ޖާގައިގެ ގޮތުން ތަނަވަސް، އެއްފަހަރާ 1500 މީހުންނަށް ތިބެވޭ ގޮތަށް ހަދާފައިވާ ތަނެކެވެ.

އެއީ ވިޔަފާރީގެ އުސޫލުން ހިންގަން އާރުޑީސީން ހެދި ތަނެކެވެ.