މިދިޔަ 25 އަހަރުގެ ތެރޭގައި މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މިލްކިއްޔާތު ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ ކުންފުނިން ބުނެފައި އެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް ދޭން ސަރުކާރުން 1995 ވަނަ އަހަރު އުފެއްދި ކުންފުނީގެ ހިދުމަތަށް 25 އަހަރު ފުރުމާ ގުޅިގެން "ހުރިހާ"އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ މިދިޔަ އަހަރުތަކުގައި އެ ކުންފުނިން ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. ހާއްސަކޮށް ފެނާއި ނަރުދަމާގެ ހިދުމަތް މާލެ ސަރަހައްދުގެ އިތުރުން އާބާދީ ބޮޑު ގިނަ ރަށްތަކަށް މިހާރު ފުޅާކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެމްޑަބްލިއުއެސްސީން މިގެންދަނީ އާބާދީ ބޮޑު ރަށްތަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން. އޭގެ އިތުރުން ޕްލާސްޓިކް ފުޅި އާއި ހޮޅި އަދި އައިސް އުފައްދަމުން އެބަ ގެންދަން،" ޝާހު ވިދާޅުވި އެވެ. "މިއީ މިދިޔަ 25 އަހަރުގެ ތެރޭގައި ކުންފުނިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކެއް."

އޭނާ ވިދާޅުވީ އެ ކުންފުންޏަކީ މިހާރު ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ އިތުރުން މިހާރު ނެޓްވޯކް އަޅައި ދިނުމުގެ މަސައްކަތް ވެސް ކޮންޓްރެކްޓް އުސޫލުން ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން އެމްޑަބްލިއުއެސްސީން ރ. ދުވާފަރުގައި ފެނާއި ނަރުދަމާގެ އިތުރުން ކުނި މެނޭޖްކުރުމުގެ ހިދުމަތް ވެސް ދެމުން އަންނަ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ ހިދުމަތަށް 25 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑަބްލިއުއެސްސީ

"މި ކުންފުނި އުފެދިގެން އައީ ވަރަށް އާދައިގެ ގޮތަކަށް ޑެންމާކުގެ ކުންފުންޏަކާ ގުޅިގެން. މިހާރު ސަރުކާރު 80 ޕަސެންޓް ހިއްސާ ކޮންޓްރޯލްކުރާއިރު ޖަޕާނުގެ ހިޓާޗީ ކުންފުނީގެ 20 ޕަސެންޓް ހިއްސާއެކު ކުންފުނި މިގެންދަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން،" އޭނާ ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ އެ ކުންފުނި ޒަމާނާ އެއްގޮތަށް ބަދަލުވަމުން އަންނަ ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާގެ ގާނޫނު ހަދައި އިޔާދަކުރަނިވި ހަކަތައަށް ކުރިމަގުގައި އިންވެސްޓްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރިމަގުގައި ސިންގަލް ޔޫޒް ޕްލާސްޓިކް ބަދަލުކުރާނެ. މީގެ އިތުރުން މި ކުންފުނިން ނެޓްވޯކްތައް އަޅައިދިނުމުގެ އިތުރުން ރިޕެއާކުރުމުގެ ހިދުމަތް ވެސް ދޭނެ. އޭގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީއަށް ވެސް އިންވެސްޓްކުރާނެ،" ޝާހު ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ ފެނާއި ނަރުދަމާގެ ހިދުމަތަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ވަނީ ހާއްސަ ހަރަކާތްތަކެއް ބާއްވައިފަ އެވެ. އެގޮތުން ކުންފުނީގެ އާ ލޯގޯ އިފްތިތާހުކުރުމާއި ކުންފުނީގެ ތާރީހާ ބެހޭ ގޮތުން ތައްޔާރުކުރި ފޮތް ރައީސަށް ވެދުމަށް އެރުވުން ވެސް ހިމެނެ އެވެ.

މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އޭޕްރިލް 1، 1995ގައި އުފެދުނު އެމްޑަބްލިއުއެސްސީއަށް މިދިޔަ އަހަރު 25 އަހަރު ފުރުނު ނަމަވެސް އެ ހަރަކާތްތައް ކުރިޔަށް ނުގެންދެވުނީ ކޮވިޑް-19 އާ ގުޅިގެން ކަމަށެވެ.

"މިއަދަކީ ވެސް ވަރަށް ހާއްސަ ދުވަހެއް. އެއީ ކުންފުނިން އުފެއްދި ފެންތަށި ފުރަތަމަ ފަހަރަށް ރައީސް މައުމޫނަށް އެރުވިތާ 25 އަހަރު ފުރޭ ދުވަސް،" ޝާހު ވިދާޅުވި އެވެ.