ރާއްޖޭގެ އިންޝުއަރެންސްގެ ދާއިރާ ފުޅާކޮށް ހަރުދަނާ ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޔޫއެންޑީޕީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން އިންޝުއަރެންސް ދާއިރާ އަށް ބޭނުންވާ މުހިއްމު ގަވައިދުތައް މިހާރަށް ވުރެ ހަރުދަނާކޮށް، އިންޝުއަރެންސް ދާއިރާގެ ހިންގުމަށް ބޭނުންވާ ބަދަލުތައް ގެނެސްދޭނެކަމަށް ޔޫއެންޑީޕީން ބުނެ އެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅު އޫއެންޑީޕީން ހެދި "އިންޝުއަރެންސް ސެކްޓާ ޑައިގްނޯސްޓިކް ސްޓަޑީ"އިން ފާހަގަވި ކަންކަމަށް ބަލައި، ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން މުޅި މާލީ ދާއިރާއަށް ރަނގަޅު ބަދަލެއް ފެންނާނެ ކަމަށެވެ. އަދި މި ބަދަލުތައް ވެގެންދާނީ ދެމެހެއްޓެނިވި ތަރައްގީ އާއި އިގްތިސޯދީ ގޮތުން ރާއްޖެއަށް ކުރިއެރުން ގެންނާނެ ފަދަ ބަދަލުތަކެއްގެ ގޮތުގައި ގަވަރުނަރު ވަނީ ފާހަގަކުރައްވާފަ އެވެ.

ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެންރީކޯ އެންރީކޯ ގަވޭލިއާ ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ތަފާތު ގިނަ ކާރިސާތައް ދިމާވާއިރު އެފަދަ ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އިންޝުއަރެންސްގެ ރަނގަޅު ނިޒާމެއް ރާއްޖެއަށް ބޭނުންވާ ކަމަށެވެ.

އިންޝުއަރެންސް ދާއިރާ ފުޅާކޮށް ހަރުދަނާ ކުރުމަށްޓަކައި އެކުލަވާލި މި އެއްބަސްވުމުގައި އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު އަލީ ހާޝިމެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެންރީކޯ ގަވޭލިއާ އެވެ.