ސްޓެލައިޓް މެދުވެރިކޮށް މުޅި ދުނިޔެއަށް އަގު ހެޔޮކޮށް އިންޓަނެޓް ހިދުމަތް ދޭން ސްޓާލިންކަށް ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތްދޭން ލައިސަންސް ދޭން ނިންމައިފި އެވެ.

މުޅި ދުނިޔެއަށް ހެޔޮ އަގުގައި ފެންްވަރު ރަނގަޅު އިންޓަނެޓް ދޭން، މަހުޖަނު އީލޮން މަސްކް ފަށާފައިވާ ސްޓާލިންކްގެ ހިދުމަތް ރާއްޖެއަށް ވެސް ލިބޭނެ ކަމަށް 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވަނީ ބުނެފަ އެވެ. މި ހިދުމަތް ހޯދުމަށް ބޭނުންވާ ހާޑްވެއާ އަށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

މި ސަރަހައްދުގެ ބައެއް ގައުމުތަކުން ސްޓާލިންކަށް ލައިސަންސް ދީފައިވާއިރު ރާއްޖެއިން މި ލައިސަންސް ދޭން މިހާރު ވަނީ ނިންމައިފަ އެވެ. މިއީ ދެކުނު އޭޝިއާގައި މި ލައިސަންސް ދޭ ފުރަތަމަ ގައުމެވެ.

ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ބުނީ ސްޓާލިންކަށް އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޭނީ މިއަދު ހަވީރު ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ. މި ރަސްމިއްޔާތުގައި ބައިވެރިވުމަށް މީޑިއާތަކަށް މިހާރު ވަނީ ދައުވަތު ފޮނުވައިފަ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ސްޓާލިންކަށް ދެނީ 15 އަހަރުގެ ލައިސަންސްއެކެވެ. މިއީ އާއްމުކޮށް ހުރިހާ ކުންފުންޏަކަށް ވެސް ލައިސަންސް ދޭ މުއްދަތެވެ.

ޓުވިޓާ އަދި އަދި ސްޕޭސް އެކްސްގެ ވެރިޔާ މަސްކްގެ ކުންފުނިން އިންޓަނެޓްގެ ހިދުމަތް ދިނުމަށް ރާއްޖޭގައި މަނާކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ކުރިން ވިދާޅުވެފައިވެ އެވެ.

ސްޕޭސްއެކްސްގެ ވެރިޔާ މަސްކް ކުރިން ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ ބޮޑު ސަރަހައްދަކަށް ސްޓާލިންކް ހިދުމަތް ދިނަސް، އެއްވެސް ސަރުކާރަކުން ހިދުމަތް މަނާކުރާ ނަމަ އެ ގައުމަކަށް ހިދުމަތް ބްލޮކް ކުރާނެ އެވެ.

ސްޓާލިންކްގެ ހިދުމަތް ހޯދަން ކުޑަ ޑިޝްއަކާއި އެހެން ބައެއް ހާޑްވެއާ ބޭނުންވާނެ އެވެ. ހިދުމަތުގެ ޕްރީއޯޑަރަށް 99 ޑޮލަރުގެ ޑިޕޮސިޓެއް ދައްކަންޖެހެ އެވެ. އަދި ހާޑްވެއާ އަށް 499 ޑޮލަރާއި ޝިޕިން އަށް 50 ޑޮލަރު ދައްކަން ޖެހޭނެ އެވެ. މި ވަގުތު މި ހިދުމަތަށް މަހަކު 99 ޑޮލަރު ނަގާނެ އެވެ.

ސްޓާލިންކުން ކަނޑައަޅާއި އޮތް ސްޕީޑަކީ ސިކުންތަކު 50-150 މެގަބިޓެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ސިކުންތަކު 300 މެގަބިޓް ސްޕީޑުގައި އިންޓަނެޓް ލިބޭނެ ގޮތް ވަނީ ހަދައިފަ އެވެ.

ރާއްޖޭގައި މިވަގުތު އިންޓަނެޓްގެ ހިދުމަތް ދެނީ ދިރާގާއި އުރީދޫ އަދި އާރުއޯއެލް އިންނެވެ.