މިނިސްޓްރީ އޮފް ޖެންޑަ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަސް (އެފްސީއެސްސީ) ތަކުގެ ދަށުން ހިންގާ އަމާން ވެށި އަދި އަމާން ހިޔާއަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އަމާން ވެށި އަދި އަމާން ހިޔާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ގެދޮރު ފޯރުކޮށްދޭ އަދި ގެވެށި އަނިޔާ ތަހައްމަލްކޮށްފައިވާ ފަރާތްތަކަށް ހާއްސަ ހިޔާތަކެއްގެ ގޮތުގައި އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ ސެންޓަރުތަކެވެ. ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ޕްރޮގްރާމްގެ ދަށުން ވެދޭ މި އެހީގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ކިޔެވުމަށް އެހީތެރިވުމުގެ ގޮތުން ހަލުވި ސްޕީޑްގައި ދިރާގު އިންޓަރނެޓް ފޯރުކޮށްދޭނެއެވެ. އޭގެ ތެރޭގައި ބ. އޭދަފުށި، ށ. ފުނަދޫ، ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ނ.މަނަދޫ، ޅ. ނައިފަރު، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައި ހިންގާ އެފްސީއެސްސީތައް ހިމެނެ އެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއެކު ދިރާގުގެ އަމާޒަކީ މި 10 އެފްސީއެސްސީއަސްގައި ތިބި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީ، އެކުދިންގެ ތަޢުލީމީ ބޭނުންތައް ފުއްދައިދިނުމަށާއި ރާއްޖޭގެ ޑިޖިޓަލް ލިޓަރަސީ ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން އެކުންފުނިން ދަނީ ފާއިތުވި އަހަރުތަކުގައިވެސް ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި ހުޅުމާލޭގައި ހުންނަ ފިޔަވަތި ފަދަ ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިންނަށް އަޅާލާ ތަންތަނަށް އެކި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ހިޔާއަށް އިންޓަރނެޓް ފޯރުކޮށްދިނުމާއި ކޮމްޕިއުޓަ ސިސްޓަމްތައް ހަދިޔާކުރުމާއި އެ ސެންޓަރުގެ ކޮމްޕިއުޓަ ލެބާއި ލައިބްރަރީ ގާއިމްކުރުން ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކުޑަކުދިންނާއި ޒުވާނުންނަށް އެހީތެރިވުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަސާސެވެ. އެގޮތުން އެކުންފުނިން ދަނީ މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމް ބޭސްޑް ސަޕޯޓު ފޯރުކޮށްދީ، މި ދާއިރާގައި މަސައްކަތް ކުރާ އެކި އެން.ޖީ.އޯތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.