މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައާރަފްކުރަން ތައްޔާރުވެފައިވާ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ޚިދުމަތާއެކު ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމުގެ ނިޒާމުގެ މަލަމަތި އެއްކޮށް ބަދަލުކޮށްލާނެ އެވެ. އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވުމުގައި ދިމާވަމުންދިޔަ ތުރާތަކަށް ނިމުމެއް އަންނާނެ އެވެ. މިތަނުގައި މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ފުރަތަމަ ފޭސް ނިމި ޚިދުމަތް ފަށާއިރު ލިބޭނެ ޚިދުމަތްތަކަށް ކުރުގޮތަކަށް ބަލާލާނަމެވެ.

ވަގުތުން ފައިސާ ފޮނުވޭ ޚިދުމަތް (އިންސްޓަންޓް ޕޭމަންޓްސް)

މިއީ މި ސިސްޓަމްގެ އެންމެ މުހިންމު ސިފައެވެ. ވަގުތުން ފައިސާ ފޮނުވުމެވެ. މި ސިސްޓަމްގައި ބައިވެރިވާ ކޮންމެ ބޭންކެއްގެ ކޮންމެ ކަސްޓަމަރަކަށް ކޮންމެ ތާކު ހުރެ ވެސް މި ޚިދުމަތް ލިބިގެންދާނެ އެވެ. އެއް ބޭންކުން އަނެއް ބޭންކަށް ކުރާ ޓްރާންސްފާތައް ލިބުމުގައި މިހާރު ހޭދަވާ ގަޑިއިރުތައް ނުވަތަ ދުވަސްތަކުގެ ފަރަގު މަދު ސިކުންތުކޮޅަކަށް މި ސިސްޓަމުން މަދުކުރެ އެވެ.

ފައިސާ ހޯދުމަށް ފަސޭހަގޮތެއް (ރިކުއެސްޓް ޓު ޕޭ)

ޕޭމަންޓް ސިސްޓަމްގައި ހިމެނޭ މި ޚިދުމަތުގެ ބޭނުންކޮށްގެން މީހަކު ފައިސާއެއް ދޭން އޮވެއްޖެނަމަ އެކަން ހަނދާން ކޮށްދެވޭނެއެވެ. އެ ފައިސާއެއް ފޮނުވައިދިނުމަށް ސިސްޓަމްގެ ތެރެއިން އެދެވޭނެ އެވެ. މި ޚިދުމަތަކީ ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޕޭމަންޓް ޚިދުމަތްތައް ދިނުމުގައި އެތައް ގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. ކަސްޓަމަރުން ގަންނަ އެއްޗެއްސަށް ދޭންޖެހޭ ފައިސާއަށް ފަސޭހަކަމާއެކު އެދިލެވޭނެ އެވެ. ނޮޓިފިކޭޝަނެއްގެ ސިފައިގައި ނުވަތަ މެސެޖަކުން އަންނަ މި އެދިލުމަށް އިޖާބަދިނުމާއެކު އެ ފަރާތެއްގެ އެކައުންޓުން ރައްކާތެރިކަމާއެކު ފައިސާ އުނިކުރެވި ލިބެންވީ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާކުރެ އެވެ.

އެކައުންޓް ނަންބަރު ނޫން ގޮތެއް (ސްމާޓް އެޑްރެސިން)

އަމިއްލަ އެކައުންޓް ނަންބަރު ވެސް ހިތުން ކިޔާލަން ނޭގެއެވެ. އެއަށް ވުރެ ކުރު ނަންބަރުތައް ވެސް ހަނދާނުގައި ބެހެއްޓުން ބައެއް ފަހަރު ދަތިކަމަކަށް ވެއެވެ. މިފަދަ ހާލަތްތަކަށް ޕޭމަންޓް ސިސްޓަމް އޮތީ ތައްޔާރަށެވެ. ހަނދާނުގައި ބަހައްޓަން ފަސޭހަ އެއްޗެއް އިޚްތިޔާރުކޮށްލާށެވެ. މޯބައިލް ނަންބަރު ނުވަތަ އީމެއިލް އެޑްރެސް ފަދަ އެއްޗެކެވެ. މިފަދަ "އޭލިއަސް" އަކާ އެކައުންޓު ލިންކުކުރެވެ އެވެ. ފައިސާއެއް ފޮނުވާންވީމަ އެކައުންޓު ނަންބަރުގެ ބަދަލުގައި ލިޔާނީ މި އެވެ. ޕޭމަންޓް ސިސްޓަމް ލޯންޗުކުރާއިރު އޭލިއަސްގެ ގޮތުގައި ބޭނުންކުރެވޭނީ މޯބައިލް ނަންބަރާއި އީމެއިލް އަދި އައިޑީ ކާޑު ނަންބަރެވެ. ނަމަވެސް، އިތުރު އޭލިއަސްތައް ސްމާޓް އެޑްރެސިންގައި ހިމެނުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

އެކައުންޓުގެ ސައްހަކަން ކަށަވަރުކުރުން (އެކައުންޓް ވެރިފިކޭޝަން)

ޕޭމަންޓް ސިސްޓަމާއެކު އެއްބޭންކު އަނެއްބޭންކާ ސިސްޓަމްގެ ތެރެއިން ރައްކާތެރި ގުޅުމެއް (އިންޓައޮޕަރެބެލިޓީ) ގާއިމުކުރެވިގެންދާނެއެވެ. މިއާއެކު، މިހާރު ވަކިވަކި ބޭންކުތަކުން ދެމުންދާ އެކައުންޓް ވެރިފިކޭޝަން ނުވަތަ ކާކުގެ އެކައުންޓެއްކަން ކަށަވަރުކުރުމުގެ ޚިދުމަތް އެއްކުރެވިގެންދާނެ އެވެ. މިސާލަކަށް ބޭންކް އޮފް މޯލްޑިވްސް ބޭނުންކުރާ ފަރާތަކުން މޯލްޑިވްސް އިސްލާމިކް ބޭންކުގައި އޮތް އެކައުންޓަކަށް ފައިސާ ޖަމާކުރިޔަސް އެކައުންޓު ނަންބަރު ނުވަތަ އޭލިއަސް ލިޔުމާއެކު، އެއީ ކޮން ފަރާތެއްގެ އެކައުންޓެއްކަން އެނގޭނެއެވެ. މިކަމުގެ ސަބަބުން އޮޅިގެން އެހެން އެކައުންޓަކަށް ފައިސާ ޖަމާވުން މަދުވެގެންދާނެ އެވެ.

މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ފުރަތަމަ ފޭސް ނިންމައި މި މަހު ލޯންޗުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ދަނީ ތައްޔާރީތައް ވަމުންނެވެ. މިއީ ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާއަށް މި ފަހުން އަންނާނެ އެންމެ ބޮޑު ބަދަލެވެ. އަދި މި ސިސްޓަމްގެ ދެވަނަ ފޭސް ނިމޭއިރުގައި ޚިދުމަތްތައް ފުޅާކުރެވި އައު ކަންތައްތައް ތައާރަފްކުރެވި މާފަސޭހަ އީޖާދީ ބަދަލުތަކެއް ރާއްޖޭގެ މާލީ ނިޒާމަށް ގެނެސްދޭނެ އެވެ.

Editors Note

މިއީ މިހާރު ތައާރަފްކުރަން ތައްޔާރުވެފައިވާ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމާ ބެހޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައްޔާރުކޮށްފައިވާ އާޓިކަލްއެކެވެ.