ދިރާގު ކަސްޓަމަރުންނަށް އެ މީހުންގެ އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރުތައް ފަސޭހަކަމާ އެކު ބަލާލައި މެނޭޖު ކުރެވޭނެ ޕޯޓަލެއް މިއަދު ތައާރަފްކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން މިއަދު ބުނީ މިއީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ދާދި ފަހުން އަމަލުކުރަން ފެށި މޯބައިލް ނަންބަރު ރެގިއެލޭޝަނާ ގުޅިގެން އައި މޯބައިލް ނަންބަރު ލިމިޓޭޝަންއާއެކު ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ގެނެސްދިނުމަށް ކަމަށެވެ.

މި ރެގިއުލޭޝަންއާއެކު ވާގޮތުން ދިވެއްސެއްގެ ނަންމަތީގައި ކޮންމެ ނެޓްވޯކެއްގައި އެންމެ ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ 10 މޯބައިލް ނަންބަރެވެ. އަދި ބިދޭސީންގެ ނަމުގައި ކޮންމެ ނެޓްވޯކެއްގައި އެންމެ ގިނަ ވެގެން ރަޖިސްޓްރީ ކުރެވޭނީ 3 މޯބައިލް ނަންބަރެވެ. ނަމަވެސް މި ލިމިޓޭޝަންގައި ކުންފުނިތަކަށާއި ސަރުކާރުގެ އޮފީސްތަކަށް ނަގާފައިވާ ނަންބަރުތަކެއް ނުހިމެނޭނެ އެވެ.

އެހެންކަމުން ދިރާގުން އަލަށް ތައާރަފްކުރި މި މައިސާވިސް ޕޯޓަލް މެދުވެރިކޮށް އެކުންފުނީގެ ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާއެކު އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރުތަކުގެ އަދަދު ބަލައި، ހުއްދަ ދީފައިވާ ލިމިޓަށް ވުރެ އިތުރުވާ މޮބައިލް ނަންބަރުތަކަށް ބޭނުން ފިޔަވަޅެއް އެޅޭނެ އެވެ.

ދިރާގު މައި ސާވިސް ޕޯޓަލް މެދުވެރިކޮށްގެން ނޮވެމްބަރު 24، 2023 ގެ ނިޔަލަށް ކަސްޓަމަރުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރުތައް އެފަރާތްތަކަށް މެނޭޖް ކުރެވޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު އައު އޮފާތަކާއި ސާވިސްތައް އެންމެ ފަސޭހަ އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.