ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން، އަދުގެ ދުނިޔެ މިސާލުޖަހާފަދަ "ސްމާޓް ނޭޝަން" އަކަށް ވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) ނައިބު ރައީސް ފައިސަލް ނަސީމް އިފްތިތާހު ކޮށްދެއްވައިފި އެވެ.

އިންސްޓަންޓް ޕޭމަންޓް ސިސްޓަމް އިފްތިތާހު ކުރީ މޯލްޑިވްސް މަނީޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމްކޮށްގެން ރޭ ކްރޮސްރޯޑްސްގައި ބޭއްްވި ހަފްލާއެއްގަ އެވެ.

މި ހަފްލާގައި ނައިބު ރައީސް ވަނީ ދުނިޔެއަށް އަންނަ ބަދަލުތަކާއި ފައިހަމަކުރުމަށް ދިވެހިރާއްޖޭގެ ޕޭމަންޓް ސިސްޓަމަށް ގެނައި ބަދަލު ފާހަގަކުރައްވައި އެބަދަލުގެ ސަބަބުން ގައުމަށްކުރާނެ ފައިދާތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި ފައިހަމަކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޓެކްނޮލޮޖީގެ ރޮގުންކަން ފާހަގަކުރައްވައި އެކަންކަމުން ކުރިއެރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ވަރަށް އީޖާދީ މަސައްކަތްތެރި ޒުވާނުންތިބިކަން ފާހަގަކުރައްވާފަ އެވެ. އަދި އެފަރާތްތަކުން އިޤްތިސާދީ ބަދަލުގެނެސް އިޤްތިސާދު ދެގުނަކުރުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވި އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތައް ފުޅާކުރުމަށް، ދިވެހިރާއްޖޭގެ އިޤްތިސާދު އިތުރަށް ހަރުދަނާކުރުމަށް ބާރުއަޅުއްވާފަ އެވެ.

ގައުމީ ޕޭމަންޓް ނިޒާމް "ފަވަރަ" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ގައުމު ބިނާވެގެންދަނީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް އެންމެން ގުޅިގެން ކޮށްގެން ކަމަށެވެ. އަދި ގައުމެއް ތަރައްގީ ކުރުމަށް އާބާދީ ކުޑަކަމަށް ނުބަލައި ހުރިހާ ދާއިރާއަކުން މަސައްކަތްކުރުމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އީޖާދީ ވިސްނުން ގެނެސް ގައުމަށް ބޭނުންވާނެ ހުރިހާ ދާއިރާއަކުން މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފަ އެވެ. ހަމަ އެއާއެކު ގައުމަށްޓަކައި އެކި ދާއިރާތަކުން ވިސްނުންބަހައްޓައި ގައުމު ތަރައްގީކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވި އެވެ.

"ފަވަރަ" މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ސަބަބުން ރާއްޖޭގައި ޕޭމަންޓް ހިދުމަތަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ އެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރުވެ، އެ ހިދުމަތްތައް އެންމެންނަށް ވެސް ލިބިގެންދާނެ އެވެ. މި ސިސްޓަމްގެ ފްލެކްސިބަލް ޑިޒައިންގެ ސަބަބުން ރާއްޖޭގެ ކޮންމެ ތަނެއްގައި ވެސް ފައިސާ ދެއްކުމުގެ ހިދުމަތް ކުރިއަށް ގެންދިއުމާއި އެކްސެސް ކުރުމަށް ފަސޭހަވެގެންދެ އެވެ. ހަމަ އެއާއެކު ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް ހޯދުމުގައި އިތުރަށް ލުއިފަސޭހަ ވެގެންދާނެ އެވެ. މި ސިސްޓަމް ގާއިމުކުރުމުން ފިންޓެކް އަދި އީ-ކޮމާސްގެ ހިދުމަތްތަކަށް މަގުފަހިކޮށްދެ އެވެ.

ފަވަރަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމުން ކުރެވޭ ކަންކަން

  • އިންސްޓަންޓް ޕޭމަންޓްސް
  • ރިކުއެސްޓް ޓު ޕޭ
  • ސްމާޓް އެޑްރެސިން
  • އެކައުންޓް ވެރިފިކޭޝަން

އެމްއެމްއޭއިން ބުނީ ގައުމީ ޕޭމަންޓް ސިސްޓަމެއް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ނުވަތަ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވާ ކޮންމެ ރައްޔިތަކަށް ވެސް މި ސިސްޓަމް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވައި، ލިބިގަތުމުގެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި މި ސިސްޓަމް ވުޖޫދަށް އައުމާއެކު ރާއްޖޭގެ ޕޭމަންޓް ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށާއި ތަފާތު ޒަމާނީ އަދި ޑިޖިޓަލް ޕޭމަންޓު ޚިދުމަތްތައް ތައާރަފުކުރުމަށް ފުރުސަތު ހުޅުވިގެންދާނެކަމަށް އެމްއެމްއޭއިން ބުނެ އެވެ.

އައިޕީއެސް ތައާރަފްކުރުމުގެ ފުރަތަމަ މަރުހަލާގައި އިސްކަން ދީފައިވަނީ އެތެރޭގެ މާލީ މުއާމަލާތްތަކަށެވެ. ނަމަވެސް، ދެވަނަ ފިޔަވަހީގައި އެހެން ގައުމުތަކުގެ ނެޝަނަލް ޕޭމަންޓު ސިސްޓަމްތަކާއި ގުޅި، ބޭރު ގައުމުތަކާއެކު ވަގުތުން ފައިސާގެ މުއާމަލާތްތައް ހިންގުމުގެ މަގު ފަހިވެގެންދާނެކަމަށްވެސް އެމްއެމްއޭއިން ބުނެ އެވެ.

އައިޕީއެސްގައި ފުރަތަމަ ބައިވެރި 3 ބެންކަކީ ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ އެވެ.