އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ ފޮނުވޭ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް "ފަވަރަ"އިގެ އެޕްލިކޭޝަނެއްގެ ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެެމްއެމްއޭގެ އެގްޒެކެޓިވް ޑިރެކްޓަރު، ޕޭމެންޓް ސިސްޓަމްސް އެންޑް އޮވަސައިޓް ޑިވިޝަން ހައްވާ ލަތީފު ވިދާޅުވީ، އާ ޕޭމެންޓް ސިސްޓަމްގެ އެޕްލިކޭޝަންގައި މިހާރު ދޭ ހިދުމަތްތަކުގެ އިތުރުން މުޅިން އާ ހިދުމަތްތައް ހިމެނޭނެ ކަމަށެވެ.

"ދެވަނަ ސްޓޭޖުގައި މި ތައްޔާރު ކުރަނީ ރެޑިލީ މޭޑް ވައިޓް ލޭބަލް އެޕްލިކޭޝަނެއް. ވައިޓް ލޭބަލް އެޕްލިކޭޝަން މިއީ ކަސްޓަމަރުންނަށް އެންމެ ފަސޭހަވާނެ ގޮތަށް ޑިޒައިންކޮށްގެން ނެރޭ އެޕްލިކޭޝަނެއް. އޭގަ ހަމަ މި ހުރިހާ ހިދުމަތްތަކެއް ލިބިގެންދާނެ. އަދި އޭގެ އިތުރުން ކިއުއާރް ކޯޑު ބޭނުންކޮށްގެން ވެސް ޕޭމެންޓްތައް ހެދޭނެ،" އޭނާ ވިދާޅުވި އެވެ.

ފަވަރަ އެޕްލިކޭޝަން މެދުވެރިކޮށް އީ-ވޮލެޓްތައް ބޭނުންކޮށްގެން ހިދުމަތްތައް ހޯދޭނެ ގޮތް ކުރިއަށްއޮތްތަނުގައި ހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަވަރައިގެ ފުރަތަމަ މަރުހަލާގައި މިވަގުތު ދެނީ ފަވަރަ އައިޑީއެއް ހެދުމާއި ފަވަރަ ޓްރާންސްފާ އާއި ފަވަރަ ރިކުއެސްޓްގެ އިތުރުން ވެރިފިކޭޝަން ހިދުމަތެވެ.

ފަވަރަ އައިޑީއެއް ހެދުމުން، ބޭންކުތަކުގެ އެކައުންޓު ނަންބަރުގެ ބަދަލުގައި އީމެއިލް ނުވަތަ ފޯނު ނަންބަރު ބޭނުންކޮށްގެން އެ އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އެވެ. އަދި ފަވަރަ ޓްރާންސްފާ އިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭނެ އެވެ. ހަމައެހެންމެ ފަވަރަ ރިކުއެސްޓް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ވެސް ބިލް ފޮނުވައިގެން ފައިސާގެ މުއާމަލާތްތައް ހިންގޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

"ފަވަރަ" މެދުވެރިކޮށް އެއް ފަހަރާ އެންމެ ގިނައިން ފޮނުވޭނީ 50،000ރ. އެވެ. އަދި ފަވަރަ ރިކުއެސްޓް މެދުވެރިކޮށް 5،000ރ. އާ ހަމައަށް ފައިސާ ފޮނުވޭނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.