އައްޑޫ ސިޓީ ކައިރީ އޮންނަ ޝަންގްރިއްލާ ރިސޯޓްގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލައިފި އެވެ.

ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ހިންގާ އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގައި އޮންނަ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު އެވެ.

އެ އެއްބަސްވުމެއްގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. އަދި ޝަންގްރިއްލާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ އޮފް ޖެނެރަލް އެފެއާޒް ސައުދު އަބްދުﷲ އެވެ.

ޝަންގްރިއްލާ ރިސޯޓް ހުޅުވީ 2009 ވަނަ އަހަރު އެވެ. 2020 ވަނަ އަހަރު ކޮވިޑްގެ ސަބަބުން ފަތުރުވެރިން އައުން ހުއްޓިފައިވާތީ އެ ރިސޯޓް ވަނީ ބަންދުކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ ސަރުކާރުގެ ހިއްސާ ދޫކޮށްލުމުން ޝަންގްރިއްލާ އަލުން ހުޅުވަން ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރުން އެޝުއަރެންސް ދީފައި އޮންނާނީ އެ ތަން ހުޅުވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމުގައި އެންމެ ފުރިހަމައަށް، ފާސްޓުކޮށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް. އެއީ ހޯދަން ޖެހޭ ހުއްދަތައް ހޯދުމުގައި ވިޔަސް، ކުރަން ޖެހޭ އެހެން ކަންތައްތައް ކުރުމުގައި ވެސް،" ޑރ. މައުސޫމް ވިދާޅުވި އެވެ.

ޝަންގްރިއްލާގެ ހިއްސާ ދޫކޮށްލަން ނިންމާފައިވާކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންމެފަހުން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅަށްފަހު ވަނީ އިއުލާން ކުރައްވާފަ އެވެ.

ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލަން 80 މިލިއަން ޑޮލަރު ސަރުކާރުން ދައްކަން ޖެހުނެވެ.