އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ ފޮނުވޭ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް "ފަވަރަ" އެޕްލިކޭޝަން ބޭނުންކުރަން ފެށިތާ ފުރަތަމަ ދެ ދުވަހުގެ ތެރޭގައި ދިހަ މިލިއަން ރުފިޔާގެ މުއާމަލާތް ހިންގި ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

މަރުކަޒީ ބޭންކުން ބުނީ "ފަވަރަ" އެޕްލިކޭޝަންއިން މިހާތަނަށް 3،678 ފައިސާގެ މުއާމަލާތް ހިންގާފައިވާ ކަމަށެވެ.

"ފަވަރަ" އެޕްލިކޭޝަން މިހާރު ބޭނުންކުރަމުން އަންނަނީ ބީއެމްއެލް އާއި އެސްބީއައި އާއި އެމްއައިބީގެ އިންޓަނެޓް ބޭންކިން އާއި އެޕްލިކޭޝަން މެދުވެރިކޮށެވެ.

"ފަވަރަ" އަކީ މާލީ ނިޒާމާއި ބީރައްޓެހި ފަރާތްތަކަށާއި، ބޭންކް އެކައުންޓެއް ނެތް ފަރާތްތަކާއި ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް، މި ސިސްޓަމް މެދުވެރިކޮށް ހިނގާ ކޮންމެ މުއާމަލާތެއްގެ ފަސޭހަތައް އެއްހަމައެއްގައި ލިބިދިނުމަށް މަގު ފަހިވާގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމެކެވެ.

ފަވަރަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމުން ކުރެވޭ ކަންކަން

  • އިންސްޓަންޓް ޕޭމަންޓްސް
  • ރިކުއެސްޓް ޓު ޕޭ
  • ސްމާޓް އެޑްރެސިން
  • އެކައުންޓް ވެރިފިކޭޝަން

ފަވަރަ އައިޑީއެއް ހެދުމުން، ބޭންކުތަކުގެ އެކައުންޓު ނަންބަރުގެ ބަދަލުގައި އީމެއިލް ނުވަތަ ފޯނު ނަންބަރު ބޭނުންކޮށްގެން އެ އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އެވެ. އަދި ފަވަރަ ޓްރާންސްފާ އިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭނެ އެވެ. ހަމައެހެންމެ ފަވަރަ ރިކުއެސްޓް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ވެސް ބިލް ފޮނުވައިގެން ފައިސާގެ މުއާމަލާތްތައް ހިންގޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

"ފަވަރަ" މެދުވެރިކޮށް އެއް ފަހަރާ އެންމެ ގިނައިން ފޮނުވޭނީ 50،000ރ. އެވެ. އަދި ފަވަރަ ރިކުއެސްޓް މެދުވެރިކޮށް 5،000ރ. އާ ހަމައަށް ފައިސާ ފޮނުވޭނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.