އަލަށް ގެނައި ވެހިކަލްތަކާއެކު މުދާ ކްލިއާކުރަން އިތުރަށް ފަސޭހަވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

އެމްޕީއެލްއިން ގެނެސްފައި ވަނީ ކަލްމާ ބްރޭންޑުގެ ދެ ބާޖު ހޭންޑްލާ އާއި ތިން ޓާމިނަލް ޓްރެކާގެ އިތުރުން ތިން ރީސްޓެކާއެވެ.

ކަލްމާ އަކީ ދުނިޔެ ގަބޫލުކުރާ ވަރަށް މަތީ ފެންވަރުގެ ފިންލެންޑްގެ ބްރޭންޑެކެވެ.

އެމްޕީއެލްއިން މުދާ އުފުލާ ބޭލުމަށް ޚާއްސަކޮށް ވެހިކަލްތަކެއް ހަދިޔާކުރުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި ވެހިކަލްތަކާއެކު އެމްޕީއެލްއިން މުދާ ކްލިއާކުރުމުގެ މަސައްކަތަށް މިހާރަށް ވުރެ އަވަސްކަމެއް ލިބޭނެ ކަމަށެވެ.

ކެލްމާ ކުންފުނީގެ ފަރާތުން ހަދިޔާކުރި ވެހިކަލްތަކާއި ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މި ވެހިކަލްތައް ބޭނުންކޮށްގެން ހިދުމަތް ދޭން ފެށުމުން ޕީކް ދުވަސްވަރުގައި މުދާ އުފުލާ ބޭލުމަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ އެވެ. އަދި މުދާ ކްލިއާކޮށް ރައްޔިތުންނަށް އަވަސް ހިދުމަތެއް ދިނުމަށް މަގުފަހިވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

މުދާ އުފުލާ ބޭލުމަށް ޚާއްސަކޮށްގެން އެމްޕީއެލްއިން އަލަށް ގެނައި ވެހިކަލްތަކެއް. ފޮޓޯ: އެމްޕީއެލް

"ޕީކް ދުވަސްތަކުގައި މުދާ ކްލިއާކުރުމަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ. މި އިކުއިޕްމަންޓްތަކުގެ ސޭފްޓީއަށް ބަލާފައި މީ މަަސައްކަތް ކުރުމަށް ވަރަށް ފަސޭހަ އިކިއުޕްމަންޓްތަކެއް. އުންމީދަކީ އެމްޕީއެލްއިން މުދާ ކްލިއާކޮށް ވިޔަފާރިވެރިންނަށް އަވަސް ޙިދުމަތްތަކެއް ފޯރުކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ކުޑަކުޑަ ތަނެއްގައި އެމްޕީއެލްއިން މަސައްކަތް ކުރާއިރު ކަލްމާގެ އިކުއަޕްމަންޓްތަކަކީ ވަރަށް އިތުބާރު ހިފޭ ބޭނުންތެރި އުޅަނދުތަކެއް ކަމަށެވެ.

މުދާ އުފުލާ ބޭލުމަށް ޚާއްސަކޮށްގެން އެމްޕީއެލްއިން އަލަށް ގެނައި ވެހިކަލްތަކެއް އެ ކުންފުނީގެ ސީއީއޯ އާއި އިސްވެރިން ބައްލަވާލައްވަނީ. ފޮޓޯ: އެމްޕީއެލް

"މިފަހަރު މިގެނައި އެއްޗެހީގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ޑްރައިވަރުންނާއި އޮޕަރޭޓަރުންނަށް،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެ އުޅަނދުތައް ރާއްޖެ ގެނައިރު ކަލްމާގެ ޓެކްނިކަލް މުވައްޒަފުން ވެސް ރާއްޖެއައި ކަމަށެވެ.

ކެލްމާއާއެކު އެމްޕީއެލްއިން މަސައްކަތް ކުރާތާ މިހާރު 16 އަހަަރު ވަނީ ވެފަ އެވެ. އެމްޕީއެލްގެ ކޮންޓެއިނަރުތައް އުފުލުމަށް ވެހިކަލް ގެނައުމަށް ކެލްމާއާއެކު އެކުންފުނިން މަސައްކަތް ފެށީ 2007 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެމްޕީއެލްއިން މުދާ ކްލިއާކޮށް ވިޔަފާރިވެރިނަށް އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން މިމަހުގެ ތެރޭގައި ވަނީ ކްލިއާކޮށް މުދާ ބާލާ ބެލެހެއްޓުމަށް ސްޓޯރޭޖް ކެޕޭސިޓީއެއް ވެސް ގާއިމްކޮށްފަ އެވެ.