ޓެކްސީ ޑްރައިވަރުންނާއި ފަންނުވެރިންގެ ކުރިއެރުމަށް ހާއްސަ ލޯނެއް ދޫކުރުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ތައާރަފުކޮށްފި އެވެ.

އެސްޑީއެފްސީން ބުނީ ޓެކްސީ ޑްރައިވަރުންނަށް ދޫކުރާ ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށެވެ. އެއީ އަމިއްލަ ކާރެއް ނެތި، ޓެކްސީ ލައިސަންސުގައި އެ މަސައްކަތް ކުރާތާ އަހަރެއް ވެފައިވާ މީހުންނަށް ކާރެއް ގަތުމަށާއި، މަދުވެގެން ދިހަ އަހަރު ވަންދެން އަމިއްލަ ކާރުގައި ޓެކްސީ ކުރި މީހުންނަށް އާ ކާރެއް ގަތުމަށެވެ.

އެ ލޯނުގެ ދަށުން 300،000 ރުފިޔާ އާ ހަމައަށް ފައިސާ ލިބެ އެވެ. އަދި ގަންނަ ޓެކްސީ ރަހުނެއްގެ ގޮތުގައި ބަހައްޓަން ޖެހެ އެވެ.

ކްރިއޭޓިވް އާޓްސް ލޯނަކީ ކްރިއޭޓިވް އާޓްސް ދާއިރާގެ އެކި މަސައްކަތް ކުރާ މީހުންނަށް ހާއްސަކޮށްގެން ދޫކުރުމަށް ނިންމާފައިވާ ލޯނެކެވެ. އޭގެ ތެރޭގައި މިއުޒިކް އިންޓްސްޓްރަކްޓާ، މިއުޒީޝަނުން، ފޮތް ލިޔާ މީހުން، އާޓިސްޓްސް، އެނިމޭޓާސް، ޑިޒައިނާސް، ލަވާ ކިޔާ މީހުން ހިމެނެ އެވެ.

މިލޯނުގެ ދަށުން ފައިސާ ލިބެނީ 50،000 ރުފިޔާ އާއި، 250،000 ރުފިޔާ ދެމެދުގެ އަދަދެއް ލިބިގެންދާނެ އެވެ. އެ އަދަދު ކަނޑައަޅާނީ އާޓިސްޓެއްގެ އާމްދަނީގެ މައްޗަށް ބިނާކޮށެވެ. އަދި މިލޯނު ލިބެނީ އާޓްސް މިނިސްޓްރީގައި ރަޖިސްޓްރީ ވެގެން މަސައްކަތް ކުރާ ފަންނާނުންނަށެވެ. އެ މަސައްކަތް ކުރާތާ އަހަރަކަށް ވުރެ ގިނަ ވެފައިވާން ޖެހެ އެވެ.

މި ދެ ލޯނަށް ވެސް އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހެ އެވެ. ހަ ޕަސެންޓާއި، އަށް ޕަސެންޓާ ދެމެދުގެ އިންޓަރެސްޓެއްގައި ދެ ލޯނު ވެސް އަނބުރާ ދައްކަން ޖެހެނީ ފަސް އަހަރުންނެވެ. ފައިސާ އަނބުރާ ދައްކަން ފެށުމުގެ ކުރިން ހަ މަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ އެވެ.

ކްރިއޭޓިވް އާޓްސް ލޯނާއި ޓެކްސީ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ ހަފްތާގެ އާދީއްތަ ދުވަހު އެވެ. މި ދެ ލޯނާ ބެހޭ އިތުރު މައުލޫމާތު ވެސް އެސްޑީއެފްސީގެ ވެބްސައިޓާއި ޕޯޓަލްގައި އެ ދުވަހު އާންމުކުރާނެ އެވެ.