އެމްޕީއެލްގެ ހައުސިން ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ "ޕޯޓް ރެސިޑަންސް"ގެ އެޕާޓްމަންޓްތަކަށް މަހުން މަހަށް މުވައްޒަފުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މުވައްޒަފުންނަށް އިތުރު ލުއިތަކެއް ދިނުމަށް އެމްޕީއެލްގެ ބޯޑުން ނިންމައިފި އެވެ.

މަހު ކުލި ދެއްކުމަށް މިހާރު ހަމަޖެހިފައިވާ އުސޫލަށް އެމްޕީއެލްގެ ބޯޑުން ގެނައި ބަދަލާއެކު ޑައުންޕޭމަންޓަށް ފަހު ފްލެޓްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ 25 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު މުވައްޒަފުންނަށް ވަނީ ހުޅުވާލާފަ އެވެ.

މީގެ ކުރިން މަހުން މަހަށް ފައިސާ ދައްކަންޖެހޭނީ 20 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެންނެވެ.

މަހު ކުލި 25 އަހަރަށް ބަހާލުމުން ޑައުންޕޭމަންޓް ފައިސާ ދެއްކުމުގެ "އޮޕްޝަން 1"ގެ ދަށުން ފައިސާ ދައްކާފައިވާ މުވައްޒަފުންނަށް އެއް ރޫމްގެ ސްޓޫޑިއޯ (ޓައިޕް އޭގެ) އެޕާޓްމަންޓަކަށް ފުރަތަމަ ފަސް އަހަރުގެ މަހު ކުއްޔަށް ދައްކަން ޖެހޭނީ 3،741.38ރ. އެވެ. އަދި އެއް ރޫމްގެ ސްޓޫޑިއޯ (ޓައިޕް ބީގެ) އެޕާޓްމަންޓަކަށް ފުރަތަމަ ފަސް އަހަރުގެ މަހު ކުއްޔަށް ދައްކަންޖެހޭނީ 3،872.94ރ. އެވެ.

އަދި ބާކީ އޮތް 20 އަހަރު މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭނީ 4،061.54ރ (ޓައިޕް އޭ) އަދި (ޓައިޕް ބީ) 4،204.37ރ އެވެ. ކުރިން އޮތް ގޮތަށް 20 އަހަރަށް ބަހާލައިގެން މަހު ކުލި ދައްކާނަމަ (ޓައިޕް އޭ) 4،585.16ރ އަދި (ޓައިޕް ބީ) 4،746.0ރ ދައްކަންޖެހެއެވެ.

މި އޮޕްޝަންގައި 1+2 އެޕާޓްމަންޓަކަށް މަހު ކުލީގެ ގޮތުގައި ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ދައްކަންޖެހޭނީ (ޓައިޕް އޭ) 7،015.08ރ އަދި (ޓައިޕް ބީ) 8،260.45ރ އެވެ.

މި އޮޕްޝަނަށް ޑައުންޕޭމަންޓް ފައިސާ ދައްކާފައިވާ މުވައްޒަފުންގެ އިތުރުން އޮޕްޝަން 2، 3 އަދި 4ގެ ދަށުން ޑައުންޕޭމަންޓް ފައިސާ ދައްކާފައިވާ މުވައްޒަފުންނަށް ވެސް މި އުސޫލުގެ ދަށުން ފައިސާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށް މަހު ކުލި ކުޑަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މި އޮޕްޝަންތަކުގެ ދަށުން ޑައުންޕޭމަންޓް ދެއްކުމަށް ޚިޔާރުކޮށްފައިވާ މުވައްޒަފުންނަށް ވެސް "އޮޕްޝަން 1" އަށް ބަދަލުވުމަށް ދެ އަހަރުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން އޮޕްޝަން 1 އަށް ބަދަލުވުމަށް ދެ އަހަރުގެ ތެރޭގައި ފައިސާ ދައްކާ މުވައްޒަފުންނަށް ފައިސާ ހަމަކުރާ ދުވަހުން ފެށިގެން އޮޕްޝަން 1 ގެ ލުއިތައް ލިބޭނެ އެވެ.

އެމްޕީއެލްއިން ބުނީ އެ ކުންފުނީގެ ތިން ޓަވަރުގައި މިހާރު ކުރިއަށް ދަނީ ލިފްޓާއި ކަރަންޓު އަދި ފެނުގެ މަސައްކަތްތައް ކަމަށެވެ. އެގޮތުން މި މަސައްކަތްތައް ނިމި، މި ފެށޭ ސެޕްޓެމްބަރު މަހުގެ މެދުތެރެއިން ފެށިގެން ފްލެޓްތަކުގައި މުވައްޒަފުންނަށް ދިރިއުޅެން ފެށޭނެކަމަށް ލަފާކުރެވޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޕީއެލްއިން އިމާރާތްކޮށްފައިވަނީ 15 ބުރީގެ ތިން ޓަވަރެވެ. އެއީ އެއް ކޮޓަރީގެ 204 ފްލެޓާއި 1+2 ކޮޓަރީގެ 330 އެޕާޓްމަންޓެވެ.