ފާމަސޫޓިކަލް އުފެއްދުންތައް ތައްޔާރުކުރުމުގައި ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކުންފުނި އިނގިރޭސިވިލާތުގެ އެސްޓްރަޒެނިކާގެ އުފެއްދުންތަކެއް ރާއްޖޭގެ ލީޑިން މެޑިކަލް ސަޕްލާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯ މެނޭޖިން ޑިރެކްޓަރު ސައީދު އާއި އެސްޓްރަޒެނިކާގެ ބިޒްނަސް މެނޭޖަރު އަބިޝެކް ކައުޝިކްގެ އިތުރުން ރާއްޖޭގެ ސިއްހީ ޚިދުމަތުގައި މަސައްކަތްކުރައްވާ ފާހަގަކުރެވޭ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެސްޓްރަޒެނިކާގެ މި އުފެއްދުންތައް އެސްޓީއޯއިން ފޯރުކޮށްދެނީ ރާއްޖޭގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓަރުގެ ގޮތުގަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނިން ބުނީ މިއާއެކު ބޭސް އުފައްދާ ސީދާ ކުންފުންޏާ ގުޅިގެން ޚަރަދު ކުޑަކޮށް ބޭސް އެތެރެކުރެވި، ދާއިމީ ބަލިތަކަށް އާއްމުކޮށް ބޭނުންކުރަން ޖެހޭ ބޭސް ހުސްނުވެ ލިބޭނެކަމުގެ ޔަގީންކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ބާރު ލިބޭނެ ކަމަށެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން އަބަދުވެސް ކަށަވަރުކުރާ އެއްކަމަކީ ރާއްޖެ އެތެރެކުރެވޭ ބޭސްތަކަކީ ފެންވަރު ރަނގަޅު ބޭސްތަކަކަށްވުން ކަމަށްވާއިރު، އެސްޓްރަޒެނިކާ ފަދަ ކުންފުންޏެއްގެ އުފެއްދުންތައް ލިބޭނެ މަގު ހޯދުން ވެގެންދާނީ އެސްޓީއޯއިން ފޯރުކޮށްދޭ ބޭހާމެދު ރައްޔިތުންގެ އިތުބާރު އިތުރަށް ބޮޑުވެގެންދާނެ ކަމަކަށެވެ.

އެސްޓްރަޒެނީކާ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ 14 ބޭހެއް އާސަންދައިގެ ދަށުން ކަވަރު ކުރުމަށްވަނީ ރަޖިސްޓްރީ ކުރެވިފަ އެވެ. މީގެ ތެރޭގައި ކެންސަރު ބައްޔާއި، ގޭސްޓްރިކް، އަދި ހަކުރު ބަލީގެ މީހުންނަށް ޚާއްސަ ބޭސްތައް ވެސް ހިމެނެ އެވެ. އެސްޓްރަޒެނީކާއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ބޭސް ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކާއި، އެސްޓީއޯގެ އަމާޒުތަކައް ވާސިލްވުމަށް އިތުކުރިއެރުންތައް ގެނުވައިދެވޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

"އެސްޓީއޯގެ އަމާޒަކީ އިތުރު މެދުވެރިއަކާ ނުލައި ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އުފައްދާ ސީދާ ކުންފުނިތަކުން ފެންވަރު ރަނގަޅު ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ފުޅާދާއިރާއެއްގައި ލިބޭނެ މަގު ފަހިކޮށްދިނުން. މި ގޮތަށް ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އެތެރެ ކުރުން ވެގެންދާނީ ޑޮކްޓަރުން ބޭސް ލިޔެދިނުމުގައި ފެންވަރު ރަނގަޅު ބޭސް އިޚުތިޔާރު ކުރާނެ ދާއިރާ ފުޅާވެ ބަލި މީހާއަށް އަވަހަށް ނަތީޖާ ފެންނާނެފަދަ ގޮތަކަށް ފަރުވާ ލިބުމަށް މަގުފަހިވެގެންދާނެ ކަމަކަށް. މިއީ ދިވެހިންގެ އާންމު ސިއްހަތާއި ދިރިއުޅުމަށް ލިބިގެން އަންނަ އިތުރު ކުރިއެރުމެއް،" އެސްޓީއޯއިން ބުންޏެވެ.

އިނގިރޭސިވިލާތުގެ އެސްޓްރަޒެނިކާގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓަރަކަށް އެސްޓީއޯ ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: އެސްޓީއޯ

މި ރަސްމިއއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ ސީއީއޯ ސައީދު ވިދާޅުވީ އެސްޓްރަޒެނިކާގެ ނަމަކީ ކޮވިޑްގެ ތެރޭގައި މީހުންގެ ސިކުނޑީގައި އެ ނަމެއް ހަރުލި، އިތުބާރު އޮތް ބްރޭންޑެއް ކަމަށެވެ. އަދި މީގެ އިތުރުން އެސްޓީއޯއިން އަންނަނީ މިހާރު ވެސް ރާއްޖެއަށް ބޭނުންވާ ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އެތެރެކުރުމަށް 26 ކުންފުންޏާއެކު އެއްބަސްވުން ހަދައި ސީދާ ކުންފުނިތަކުން ރާއްޖެއަށް ބޭސް އެތެރެކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބިގެން އަންނަ ފާހަގަ ކޮށްލެވޭ ކުރިއެރުމެއް. މި ކުރިއެރުމާއެކު އާންމުން ބޭނުން ކުރަމުން އަންނަ ބޭހުގެ ފެންވަރު ރަނގަޅުވެ، ބޭސް ލިބުމުގެ ދަތިތަކަށް ބޮޑު ހައްލެއްލިބިގެން ދާނެ،" އެސްޓީއޯއިން ބުންޏެވެ.