މޯލްޑިވްސް އިންސްޓެންޓް ޕޭމެންޓް ނިޒާމު ނުވަތަ "ފަވަރަ" މެދުވެރިކޮށް ހަފްތާއެއްގެ ތެރޭގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުޢާމާލަތް ކޮށްފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެ އެވެ.

"ފަވަރަ" އަކީ ރައްކާތެރި އަދި އަވަސް މާލީ މުއާމަލާތްތަކެއް ހިންގުމަށް އެމްއެމްއޭ އިން ތައްޔާރުކޮށްފައިވާ ޕޭމަންޓް ސިސްޓަމްއެކެވެ. އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ފުރަތަމަ ބައިވެރިވެފައިވާ 3 ބެންކަކީ ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ އެވެ.

މަރުކަޒީ ބޭންކް އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ޚިދުމަތް ދޭން ފެށި ފަހުން ހަފްތާއެއްގެ ތެރޭގައި 128.42 މިލިޔަން ރުފިޔާގެ މުއާމަލާތް "ފަވަރަ" މެދުވެރިކޮށް ކޮށްފައިވެ އެވެ.

މިވަގުތު 3 ބޭންކަކުން ފަވަރާގައި ބައިވެރިވެފައިވީ ނަމަވެސް އިތުރު 4 ބޭންކެއް އެ ސިސްޓަމްގެ ތެރޭގައި ހިމެނުމަށްޓަކައި ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެމްއޭއިން ބުނެ އެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ހުރި ހުރިހާ ބޭންކްތަކެއް އެސިސްޓަމާ ގުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އެމްއެމްއޭއިން ބުނެ އެވެ.

މީގެ އިތުރުން އެމްއެމްއޭއިން އަންނަނީ "ފަވަރަ" އެޕްލިކޭޝަން ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

"ފަވަރަ" އަކީ މާލީ ނިޒާމާ ބީރައްޓެހި ފަރާތްތަކަށާއި، ބޭންކް އެކައުންޓެއް ނެތް ފަރާތްތަކާއި ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީ ނަމަވެސް، މި ސިސްޓަމް މެދުވެރިކޮށް ހިނގާ ކޮންމެ މުއާމަލާތެއްގެ ފަސޭހަތައް އެއްހަމައެއްގައި ލިބިދިނުމަށް މަގު ފަހިވާގޮތަށް ފަރުމާކޮށްފައިިވާ ސިސްޓަމެކެވެ.

"ފަވަރަ" އިގެ ފުރަތަމަ މަރުހަލާގައި މިވަގުތު ދެނީ މައިގަނޑު ހަތަރު ޚިދުމަތެކެވެ. އެއީ، "ފަވަރަ" އައިޑީއެއް ހެދުމާއި، "ފަވަރަ" ޓްރާންސްފާއާއި، "ފަވަރަ" ރިކުއެސްޓްގެ އިތުރުން ވެރިފިކޭޝަން ހިދުމަތެވެ.