އެތެރޭގެ އުދުހުމުގެ ހިދުމަތް ވަރުގަދަކުރަން، މޯލްޑިވިއަން އިން އޭޓީއާރު 600- 42 މަރުކާގެ އިތުރު ދެ ބޯޓު ގެންނަން ސޮއިކޮށްފި އެވެ.

ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނީގެ އިސް އޮފިޝަލަކު "ބާޒާރު" އަށް މިއަދު ވިދާޅުވީ 50 މީހުންގެ ޖާގައިގެ އޭޓީއާރު ފުރަތަމަ ބޯޓު އަންނަ ޑިސެމްބަރު މަހު ރާއްޖެ އަންނާނެ ކަމަށެވެ.

"މުޅިން އާ ދެ ބޯޓު ގަންނަން ދާދިފަހުން ވަނީ ސޮއިކޮށްފައި. ފުރަތަމަ ބޯޓު މިފަހަރު ޓޫރިސްޓް ހައި ސީޒަނާ ދިމާކޮށް މިގެންނަނީ،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ ދެވަނަ ބޯޓު 2025 ވަނަ އަހަރު ރާއްޖެ ގެނެވޭނެ ކަމަށެވެ.

މޯލްޑިވިއަން އިން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަން މިއަހަރުގެ ކުރީކޮޅު ގެނައި އޭޓީއާރު 600-42 މަރުކާގެ މަތިންދާބޯޓެއް. ފޮޓޯ | މޯލްޑިވިއަން

"އަޅުގަނޑުމެންގެ ޑިމާންޑަށް ބަލައި ބޯޓުތައް އިތުރުކުރަމުން މިގެންދަނީ. މި ދެ ބޯޓު އައުމުން މިހާރު ދިމާވެފައިވާ ދަތިތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަން އިން އޭޓީއާރު މަރުކާގެ އިތުރު ފަސް މަތިންދާބޯޓު ގެންނަން ނިންމައި އެ ބޯޓުތައް ގަންނަން ފައިސާ ފޯރުކޮށްދޭނެ ބަޔަކު ހޯދަން މިދިޔަ ޖުލައި މަހު އިއުލާން ކުރި އެވެ.

މޯލްޑިވިއަން އިން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަން މިއަހަރުގެ ކުރީކޮޅު ގެނައި އޭޓީއާރު 600-42 މަރުކާގެ މަތިންދާބޯޓެއް. ފޮޓޯ | މޯލްޑިވިއަން

ގައުމީ އެއާލައިނުން މިއަހަރުގެ އޭޕްރިލް މަހު ވެސް 50 މީހުންގެ ޖާގައިގެ އޭޓީއާރު 006-42 މަރުކާގެ މުޅިން އާ މަތިންދާބޯޓެއް ގެނެސްފައިވެ އެވެ. އަދި އެ ކުންފުނިން މިދިޔަ ޖެނުއަރީ ހަތަރު ވަނަ ދުވަހު އޭޓީއާރު 600- 72 މަރުކާގެ ދެ ބޯޓު ރާއްޖެ ގެނެސްފައިވެ އެވެ. 72 މީހުންގެ ޖާގައިގެ އެ ދެ ބޯޓާއި 50 މީހުންގެ ޖާގައިގެ ބޯޓު ވެސް މިހާރު އަންނަނީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަމުންނެވެ.