މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމްތައް މެދުވެރިކޮށް އެހެން ބޭންކުތަކުގެ ކަސްޓަމަރުންނަށް ހިލޭ ފައިސާ ނެގޭ ގޮތް ހަދައިފި އެވެ.

އެމްއައިބީއިން ބުނީ އެހެން ބޭންކުތަކުގެ ކަސްޓަމަރުންނަށް އެބޭންކުގެ އެޓީއެމްތަކުން ހިލޭ ފައިސާ ނެގޭނެ ކަމަށެވެ. މީގެ ކުރިން ކޮންމެ މުއާމަލާތަކަށް 100 ރުފިޔާގެ ފީއެއް އެމްއައިބީން ނަގަ އެވެ.

އެމްއައިބީގެ އޭޓީއެމްތަކުން ކޮންމެ މީހަކަށް ވެސް ދުވާލަކަށް 20،000ރ. ނެގޭނެ އެވެ. އަދި ފައިސާ ޖަމާކުރެވޭ އޭޓީއެމްތަކުން ދުވާލަކު ގިނަވެގެން 200،000ރ. ޖަމާކުރެވެ އެވެ. ޗެކު ވެސް ޖަމާކުރެވޭނެ އެވެ. ކާޑު ބޭނުންކޮށްގެން، ކާޑު ބޭނުން ނުކޮށް ވެސް ފައިސާ އާއި ޗެކު ޖަމާކުރެވޭނެ އެވެ.

ބޭންކު އެކައުންޓުގައި ހުރި ފައިސާގެ އަދަދާއި، އެންމެ ފަހުގެ 10 މުއާމަލާތުގެ ތަފުސީލު ބަލައިލް އޭޓީއެމްތަކުން ބަލައިލެވި، މިނީ ސްޓޭޓްމެޓް ވެސް ޕްރިންޓް ކޮށްލެވޭނެ އެވެ. އޭޓީއެމް މެދުވެރިކޮށް ކޭޝް ކާޑުގެ ޕިން ނަންބަރު ވެސް ބަދަލު ކުރެވޭނެ އެވެ.

އެމްއައިބީގެ ފަސް އޭޓީއެމްއެއް މާލޭގައި، ތިން އޭޓީއެމްއެއް ހުޅުމާލޭގައި ހުރިއިރު، ވެލާނާ އިންޓަނޭޝަނަލް އެއާ ޕޯޓުގެ އިތުރުން ފަސް ރަށެއްގައި ވެސް އެ ބޭންކުގެ އޭޓީއެމް އެބަ ހުއްޓެވެ.

އެމްއައިބީގެ އޭޓީއެމްތައް ހުންނަ ތަންތަން

  • ހެޑް އޮފީސް އޭޓީއެމް
  • ފާމުދޭރިގެ ސާވިސް ސެންޓަރު
  • އަމީނީމަގު އޭޓީއެމް
  • ބޮޑުތަކުރުފާނުމަގު އޭޓީއެމް
  • އައިޖީއެމްއެޗް އޭޓީއެމް
  • ހުޅުމާލެ ސެންޓްރޯ މޯލް އޭޓީއެމް
  • ހުޅުމާލެ ރަށު މާރުކޭޓް އޭޓީއެމް
  • ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ވިނަރެސް ޕްލެޓް އޭޓީއެމް
  • ވެލާނާ އިންޓަނޭޝަނަލް އެއާ ޕޯޓު އޭޓީއެމް
  • އައްޑޫ ސިޓީ ހިތަދޫ، ފޭދޫ، ފުވައްމުލައް، ގދ. ތިނަދޫ، ހދ. ކުޅުދުއްފުށީގައި ވެސް އެމްއައިބީގެ އޭޓީއެމްގެ ހިދުމަތް ލިބެ އެވެ.