ސެމްސަންގްއިން އަލަށް ނެރުނު ގެލެކްސީ އެސް-21 ސީރީޒްގެ ފޯނުތައް ގަންނަން ބޭނުންވާ ދިރާގުގެ ކަސްޓަމަރުންނަށް ޕްރީއޯޑަރު ކުރުމަށް މިއަދު ހުޅުވާލައިފި އެވެ.

ސެމްސަންގް އެސް-21 މޮޑެލްގެ ތިން ފޯނެއް ނެރެފައި ވެ އެވެ. އެއީ ގެލެކްސީ އެސް-21، އެސް-21 ޕްލަސް އަދި އެސް-21 އަލްޓްރާ އެވެ.

ދިރާގުން ބުނީ ސެމްސަންގްގެ އެންމެ ފަހުގެ ފޯންތަކަށް މިހާރުން ފެށިގެން ޕްރީއޯޑަރު ކުރެވޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ ދިރާގު މެދުވެރިކޮށް ޕްރިއޯޑާ ކުރާ ކަސްޓަމަރުންނަށް ހިލޭ ހަދިޔާ ދޭން ނިންމާފައިވާ ކަމަށެވެ. އަދި ހިލޭ ލިބޭ ހަދިޔާ ތެރޭގައި ހިމެނެނީ ސެމްސަންގް ފިޓް ގަޑި، ގެލެކްސީ ސްމާޓް ޓެގް، ނޫނީ ގެލެކްސީ ބަޑް ލައިވް އެވެ.

އެންމެ ފަހުން ނެރުނު ސެމްސަންގް ގެލެކްސީ އެސް-21 ގައި 6.2 އިންޗީގެ ޑިސްޕްލޭއެއް ހިމެނެ އެވެ. މިފޯނުގައި 8 ޖީބީގެ ރެމް އަދި 256 ޖީބީގެ ސްޓޯރޭޖް ހިމެނެ އެވެ. ގެލެލްސީ އެސް-21 ޕްލަސް އަކީ 6.7 އިންޗީގެ ފޯނެކެވެ. އެ ފޯނުގެ ރެމް އާއި ސްޓޯރޭޖްގެ ކެޕޭސިޓީއަކީ އެސް-21 ގެ ވެސް ކެޕޭސިޓީ އެވެ.

އެސް ޕެން ވެސް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ އެސް-21 އަލްޓްރާގައި 6.8 އިންޗީގެ ޑިސްޕްލޭއާ އެކު 2 ޖީބީ ރެމާ 512 ޖީބީގެ ސްޓޯރޭޖް ހިމެނެ އެވެ. މިއީ ސެމްސަންގުން އެސް ޕެން ސްޓައިލަސްއާ އެކު ނެރޭ ފުރަތަމަ ފޯނެވެ.