ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކެނޑިފައި އޮތުމަށްފަހު، ރަޝިއާގެ ގައުމީ އެއާލައިން އޭރޯފްލޮޓުން 197 މީހުން ގޮވައިގެން މިއަދު އަތުވެއްޖެ އެވެ.

އެއިރޯ ފްލައިޓުން މިދަތުރުކޮށްފައި ވަނީ ރަޝިޔާގެ ޝެރެމެޓޭވޯ އެއާޕޯޓުން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓަށެވެ. އަދި މިރޭ 23:40 ގައި ފުރާ އެ ފްލައިޓުން 15 މީހަކު ފުރާނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އޮފިޝަލަކު ވިދާޅުވީ އޭރޯފްލޮޓުން ރާއްޖެއަށް ހަފްތާއަކު ދެ ދަތުރުކުރަން ނިންމާފައި ކަމަށެވެ. ރަޝިޔާއިން ރާއްޖެއަށް ފްލައިޓް ބާއްވަން ހަމަޖެހިފައިވަނީ ބުރާސްފަތި އަދި އާދިއްތަ ދުވަހުއެވެ. މާލެއިން ރަޝިޔާއަށް ދަތުރުތައް ކުރާނީ ހުކުރު އަދި އާދިއްތަ ދުވަހު އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި ހިމެނޭ އެންމެ މުހިންމު އެއް މާކެޓުގެ ތެރޭގައި ހިމެނޭ ރަޝިއާއިން ޖުލައި 15 ން މިދިޔަ މަހުގެ ނިޔަލަށް 423 ޓޫރިސްޓުން އައިސްފައިވެ އެވެ.

ލޮކްޑައުންއަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި ފަސް ގައުމުގެ ތެރޭގައި ރަޝިއާ ހިމެނެ އެވެ.

މިއީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށި 8 ވަނަ އެއާލައިންނެވެ. އޭރޯފްލޮޓްގެ އިތުރުން ގަތަރު އެއާވޭސް، އެމިރޭޓްސް، އިއްތިހާދު އެއާވޭސް، ސްރީލަންކަން އެއާލައިންސް، ޓާކިޝް އެއާލައިންސް، އެއާ އިންޑިއާ އަދި އިންޑިގޯއިން އަންނަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.