ކ. ތުލުސްދޫގައި ކޮމިޔުނިޓީ ބޭސްޑް ޓޫރިޒަމް ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީން އެހީތެރިކަން ދޭން ނިންމައިފި އެވެ.

އެ މިނިސްޓްރީން ބުނީ ތުލުސްދޫގައި ކޮމިޔުނިޓީ ބޭސްޑް ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމަށް މާލެ އަތޮޅު ތުލުސްދޫ ކައުންސިލާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެމްއޯޔޫގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާ އެވެ. ތުލުސްދޫ ކައުންސިލް އިދާރާގެ ފަރާތުން ސޮއިކުރެއްވީ ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ އެވެ.

ޓޫރިޒަމް މިނިސްޓްރީ ބުނީ އެމްއޯޔޫއެއްގައި މައިގަނޑު ގޮތެއްގައި ފަންނީ އެހީތެރިކަން ދިނުމަށް އެއްބަސްވެފައިވާ ދާއިރާތަކަކީ، ކޮމިޔުނިޓީ ބޭސްޑް ޓޫރިޒަމް ތަރައްގީކުރުމަށް މިކަން ރާވައި ހިންގުމަށާއި، މިކަމުގައި ކައުންސިލުގެ ދައުރާއި ބެހޭގޮތުންނާއި، އިންފްރާ ސްޓަރަކްޗާ ރިކުއާމަންޓްސް އާއި ބެހޭގޮތުންނާއި، އިންވެސްޓަރުން ހޯދުމާއި ބެހޭގޮތުންނާއި، މާކެޓިން އެންޑް ޕްރޮމޯޝަން އާއި އަދި މިނޫން ވެސް ދެފަރާތުގެ ދެމެދުގައި އެއްބަސްވެވޭ ކަންތައްތަކަށެވެ.

މީގެ އިތުރުން ތުލުސްދޫގައި ކޮމިޔުނިޓީ ބޭސްޑް ޓޫރިޒަމް ތަރައްގީކުރުމުގެ ގޮތުން ތުލުސްދޫ ލޯކަލް ގަވާންމަންޓް ކުންފުންޏާއި ނެކްސްޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި ގުޅިގެން ތުލުސްދޫގައި ތަރައްގީކުރަމުން އަންނަ "ޖިންޖަ ވިލާސް ތުލުސްދޫ" ޕްރޮޖެކްޓާއި ބެހޭ މައުލޫމާތު، މިޕްރޮޖެކްޓްގެ މެނޭޖިން ޑިރެކްޓަ ހަސަން ހިޝާމް މީޑިއާ އާއި ހިއްސާ ކުރެއްވި އެވެ.

މީގެ އިތުރުން، ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ އާއި، ތުލުސްދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އައިމަން ޝަފީޤް އާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އަލީ ޝިނާން މީޑިއާ އާއި މައުލޫމާތު ހިއްސާ ކުރެއްވި އެވެ.