ލޮކްޑައުންވެ ގޭގައި ތިބުމުގެ ސަބަބުން، މަޝްހޫރު ސްޓްރީމިން އެޕް ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެމެރިކާއަށް ނިސްބަތްވާ މި އެޕުގެ ހިދުމަތް ދޭން ފަށާފައި ވަނީ 2007 ވަނަ އަހަރުގަ އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އަލަށް ނެޓްފްލިކްސް ބޭނުން ކުރަން ފެށި 8.5 މިލިއަން މީހުންނާއެކު، އެ އެޕް ބޭނުންކުރާ މީހުންގެ ޖުމްލަ އަދަދު ވަނީ 203.7 މިލިއަނަށް އަރާފަ އެވެ.

މިދިޔަ އަހަރު ނެޓްފްލިކްސް މުޅި ޖުމްލަ 37 މިލިއަން އާ ސަބްސްކްރައިބަރުން ލިބުނުއިރު، އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް 15.8 މިލިއަން ސަބްސްކްރައިބަރުން ލިބުނެވެ. މިއާއެކު އެ ކުންފުނީގެ ފައިދާ ވަނީ 48 އިންސައްތަ އިތުރުވެ، 2.76 ބިލިއަން ޑޮލަރަށް އަރާފަ އެވެ.

ނެޓްފްލިކްސްގެ މި ކާމިޔާބީގެ ފަހަތުގައި "ދަ ކުއީންސް ގޭމްބިޓް"، "ބްރިޖާޓަން" އަދި "ދަ ކްރައުން" ފަދަ މަޝްހޫރު ސީރީޒްތައް ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.