މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޮމްޕެނީ (އެމްއެމްޕީއާރުސީ) އިން މަޝްހޫރު އޮންލައިން ބުކިން ޕްލެޓްފޯމް، އެމެރިކާގެ އެކްސްޕީޑިއާ އާއެކު ކެމްޕެއިނެއް ފަށައިފި އެވެ.

އެމްއެމްޕީއާރުސީން ބުނީ ހަތަރު މަސްދުވަހަށް ކުރިއަށްދާ މި ކެމްޕެއިންގައި ރަޝިއާ، އިންޑިއާ، މެދުއިރުމަތި އަދި ޗައިނާގެ ޓޫރިސްޓުންނަށް އަމާޒުކޮށްގެން ރާއްޖެ އިޝްތިހާރު ކުރާނެ ކަމަށެވެ. އެ ކެމްޕެއިންގެ މައިގަނޑު މެސެޖުން ރާއްޖޭގެ ރަށްތައް އުފެދިފައި އޮންނަނީ ވަކި ރަށްތަކެއްގެ ގޮތުގައި ކަމާއި، އެއާއެކު ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ޗުއްޓީއަކީ ހުރިހާ ގޮތަކުން ވެސް އެންމެ ރައްކާތެރި އަދި ހިތްގައިމު ދަތުރަށް ވެގެންދާނެކަން އަންގައިދެވޭނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

އެ ކުންފުނިން ބުނީ އެކްސްޕީޑިއާއެކު ކުރިއަށްގެންދާ އެ ކެމްޕެއިން 23 މިލިއަނެއްހާ މީހުންނަށް ފޯރާނެ ކަމަށް ލަފާކުރެވެ އެވެ. އަދި ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރަން މަންޒިލްތައް ހޯދަމުން އަންނަ މީހުންނަށް އަމާޒުކުރެވޭ ކެމްޕެއިންގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރަން ހިތްގައިމު މަންޒިލެއް ކަމުގައި ހާމަކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން އެ ކެމްޕެއިންގެ ތެރެއިން ރާއްޖެއަށް މިފަހުން ލިބިފައިވާ ކާމިޔާބީތަކުގެ ވާހަކަތައް ވެސް ހިއްސާކުރެވޭނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

އެ ކުންފުނިން ބުނީ ކެމްޕޭން ތެރޭގައި ދާދިފަހުން ރާއްޖެ ހޯދި ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިޒަމް މަންޒިލްގެ އެވޯޑާއި ރާއްޖެއަކީ ރައްކާތެރި ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ކަނޑައަޅައި ވޯލްޑް ޓްރެވަލް އެންޑް ޓުއަރިޒަމް ކައުންސިލް، ޑަބްލިޔުޓީޓީސީން ދީފައިވާ ސޭފް ޓްރެވަލް ސްޓޭޕްމް އާއި އަލަށް ލޯންޗްކުރި މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމްގެ އިތުރުން އެލައިޑް އިންބައުންޑް އިންޝުއަރެންސްގެ މައުލޫމާތު ދިނުން ހިމެނޭ ކަމަށެވެ. އަދި ރާއްޖޭގައި ޓޫރިސްޓުންނަށް ތަޖުރިބާކުރެވެން ހުންނަ ހަރަކާތްތައް ވެސް ޝައުގުވެރިކުރަން ދައްކާލާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

އެކްސްޕީޑިއާއަކީ ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ދަތުރު ޕްލޭންކޮށް، ވެކޭޝަން ޕެކޭޖްއާއި ފްލައިޓް އަދި ހޮޓާ އަދި ކްރޫޒް އުޅަނދު އޮންލައިންކޮށް ބުކްކުރުމުގެ ހިދުމަތް ދޭ އެންމެ ވަރުގަދަ އެ ކުންފުންޏެވެ.