މިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލަން ބައެއް ފަރާތްތަކުން ގޮވާލަމުން ދިޔަ ނަމަވެސް، މިޔަރު ބާނަން މިވަގުތު ހުޅުވާލުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

"ހުރިހާ"އާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިޔަރުގެ މަސްވެރިކަންކުރަން ހުޅުވާނުލައިގެން ބައެއް ފަރާތްތަކުން ގޮވާލަމުންދިޔަ ނަމަވެސް އެކަން ކުރެވެން އޮތީ މިޔަރުގެ އާބާދީ އިތުރުވިކަން ޔަގީންވެގެން ކަމަށެވެ.

"މިޔަރުގެ މަސްވެރިކަމާ ބެހޭ ސްޓަޑީއެއް ދާދިފަހުން ހަދާފައި ވަނީ. އޭގެ ނަތީޖާއިން މިޔަރު ގިނަ ކަމަށް ފާހަގައެއް ނުވޭ،" ޒަހާ ވިދާޅުވި އެވެ. "މިހާތަނަށް އަޅުގަނޑުމެންނަށް ހެދިފަހުރި ދިރާސާތަކުން އަދި ވީޑިއޯ ފޫޓޭޖް ނެގުމަށް ލައިގެންވެސް އެއިގެން ނުފެނޭ އިނގޭތޯ މިޔަރު އިތުރުވެގެން އުޅޭ ތަނެއް އެހެން ގައުމުތަކާއި އަޅާބަލާއިރު. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިވެސް ބަދަލުވެއްޖެ."

މިނިސްޓަރު ވިދާޅުވީ މިޔަރު މަސްވެރިކަންކުރަން ހުޅުވާލަން ޖެހޭނީ ކަމާ ބެހޭ ހުރިހާ ދާއިރާތަކާއެކު މަޝްވަރާކުރުމަށްފަހު ކަމަށެވެ.

ފުވައްމުލަކުގެ ފަރު ބޭރުގައި އުޅޭ މިޔަރުތައް ބަލާލަން ޑައިވަރުންތަކެއް ހަރަކާތްތެރިވަނީ. މިޔަރު އާބާދީ އިތުރުވެ މަސްވެރިކަންކުރަން އުނދަގޫވެގެން ޝަކުވާކުރޭ. ފޮޓޯ: ލޮނުބްރޭކް

"އެއީ މަޝްވަރާކުރެވެން ޖެހޭ ކަމެއް. އަޅުގަނޑަށް އެކަނި ނިންމެން އޮތް ކަމެއް ނޫން. އެކަން ހުޅުވާލާ ނަމަ ތިމާވެށީގެ ދާއިރާގެ މީހުންނާއި ޓޫރިޒަމް އިންޑަސްޓްރީ އަދި އެންޖީއޯ ޑައިވިންއާ މަޝްވަރާކުރަން ޖެހޭނެ،" ޒަހާ ވިދާޅުވި އެވެ. "ރާއްޖެއަށް ޓޫރިސްޓުން މިއަންނަނީ މިޔަރު ބަލަން. މިޔަރު އުރަހައަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މިޔަރު ބަލަން އަންނަ މީހުންގެ އަތުން."

އެއީ މަޝްވަރާކުރެވެން ޖެހޭ ކަމެއް. އަޅުގަނޑަށް އެކަނި ނިންމެން އޮތް ކަމެއް ނޫން. އެކަން ހުޅުވާލާ ނަމަ ތިމާވެށީގެ ދާއިރާގެ މީހުންނާއި ޓޫރިޒަމް އިންޑަސްޓްރީ އަދި އެންޖީއޯ ޑައިވިންއާ މަޝްވަރާކުރަން ޖެހޭނެ،
މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ ހަގީގަތުގައި ވެސް މިޔަރުގެ އާބާދީ އިތުރުވެއްޖެ ނަމަ ބާނަން ހުޅުވާލުމާމެދު ވިސްނުމާމެދު މަޝްވަރާކުރެވެން ޖެހޭނެ ކަމަށެވެ.

"މިޔަރު ބާނަން ބޭނުންވެގެން ގޮވާލާ ބަޔަކު ވެސް އެބައުޅޭ. އަނެއްކޮޅުން މިޔަރު ހިމާޔަތްކުރަން އެބަ ގޮވާލާ،" ޒަހާ ވިދާޅުވި އެވެ.

ރާއްޖޭގައި މިޔަރުގެ މަސްވެރިކަން 1970 ގެ އަހަރުގެ ތެރޭގައި ފެށި އެވެ. ނަމަވެސް މިޔަރުގެ އާބާދީ މަދުވަމުންދާ ކަމަށް ފާހަގަވެގެން 2000ގެ ކުރީކޮޅުން ފެށިގެން މިޔަރުގެ މަސްވެރިކަން ވަރަށް ބޮޑަށް ހީނަރުވުމުން ގުޅިގެން 2010 ވަނަ އަހަރު އިގްތިސާދީ ސަރަހައްދުން މިޔަރުގެ މަސްވެރިކަން ކުރުން ވަނީ މަނާކޮށްފަ އެވެ.

މިޔަރު ބައެއް ސަރަހައްދުތަކުގައި އިތުރުވެ މަސްވެރިންނަށް އޭގެ އުނދަގޫވެގެން ޝަކުވާކުރެ އެވެ. މިޔަރުގެ އުނދަގޫ ބޮޑު ކަމަށް ބުނަނީ ބޮޑުކަންނެލީގެ މަސްވެރިކަމުގެ އިތުރުން ފަރުމަހުގެ މަސްވެރިކަންކުރާ މީހުންނެވެ.

ފިޝަރީޒް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2003 ވަނަ އަހަރު މިޔަރު މަސްވެރިކަމުގައި ހަރަކާތްތެރިވީ 528 މީހުންނެވެ. 2007 ވަނަ އަހަރު އެ އަދަދު ވަނީ 184 އަށް ދަށްވެފަ އެވެ.

މިޔަރު އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ 2003 ގައި 14.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް 2007 ވަނަ އަހަރު އެ އަދަދު ވަނީ 3.26 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.