މިދިޔަ މަހު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ހަތް ޕަސެންޓް މަދުވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮގަސްޓު އާމްދަނީގެ ގޮތުގައި އެ އިދާރާއަށް ދައްކާފައި ވަނީ 1.60 ބިލިއަން ރުފިޔާ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 21 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 7.7 ޕަސެންޓް މަދު އަދަދެއް ކަމަށް މީރާ އިން ބުނެ އެވެ.

މީރާއިން ބުނިގޮތުގައި، މިދިޔަ އަހަރުގެ އޮގަސްޓު ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީޖީއެސްޓީ، ޓީޖީއެސްޓީ، ޓޫރިޒަމް ލޭންޑް ރެންޓް އަދި އެއާޕޯޓް ޓެކުހާއި ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓު ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ މަހު ޓޫރިޒަމް ދާއިރާއިން ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ނުވަ ޕަސެންޓަށް އިތުރުވުމުން ކަމަށް މީރާއިން ބުނެ އެވެ.

މީގެ އިތުރުން ޖީއެސްޓީގެ ރޭޓަށް އައި ބަދަލާ ގުޅިގެން ޓީޖީއެސްޓީ އަދި ޖީޖީއެސްޓީ އިން ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅައިބަލާއިރު އިތުރުވެފައިވާ ކަމަށް މީރާއިން ބުނެ އެވެ.

އެ އިދާރާއިން ބުނިގޮތުގައި މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ މަދުން އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ، އިންކަމް ޓެކްސް، ޓީޖީއެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށް ވުރެ ލިބިފައިވާ އާމްދަނީ މަދުވުމެވެ. އަދި މީގެ އިތުރުން މިދިޔަ މަހު އަންދާޒާކޮށްފައިވާ އަދަދާ އަޅައިބަލާއިރު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 2 ޕަސެންޓް ދަށްވެފައިވުމުން، ފަތުރުވެރިކަމުގެ ދާއިރާއިން ނެގޭ ގްރީން ޓެކުހާއި ޓީޖީއެސް.ޓީ އިން ލިބުނު އާމްދަނީ މަދުވުމުން ހިމެނޭ ކަމަށް މީރާއިން ބުނެ އެވެ.

މިދިޔަ މަހު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއިންނެވެ. އެއީ 59.12 ޕަސެންޓް ނުވަތަ 9.43 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 11.84 ޕަސެންޓް ނުވަތަ 1.88 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 90.4 މިލިއަން ރުފިޔާ (5.67 ޕަސެންޓް)، ޑިޕާޗާ ޓެކުހުގެ ގޮތުގައި 87.8 މިލިއަން ރުފިޔާ (5.50 ޕަސެންޓް)، ގްރީން ޓެކްސްގެ ގޮތުގައި 69.5 މިލިއަން ރުފިޔާ (4.36 ޕަސެންޓް)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 2.15 ބިލިއަން ރުފިޔާ (13.52 ޕަސެންޓް) ލިބިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 62 މިލިއަން ޑޮލަރު ވެސް ލިބިފައިވެ އެވެ.