އެއް ރިސޯޓުން އަނެއް ރިސޯޓަށްދާ މުވައްޒަފުން ވެސް ދިހަ ދުވަހަށް ކަރަންޓީން ވާން ޖެހޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިގޮތަށް ކަނޑައަޅާފައިވަނީ ރިސޯޓްތަކުގައި ކޮވިޑްގެ ކޭސްތައް ފެންނަން ފެށުމާ ގުޅިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރިން ކަނޑައަޅާފައިވާ ގޮތުން އެއް މެނޭޖްމަންޓެއްގެ ދަށުގައި ހިންގާ އެއް ރިސޯޓުން އަނެއް ރިސޯޓަށްދާނަމަ ދިހަ ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރާކަށް ނުޖެހެ އެވެ. ނަމަވެސް މިމަހުގެ 19 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ މި އުސޫލަށް ބަދަލު ގެނެސްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ހަމަޖެއްސި އެ އުސޫލްގައި ވަނީ އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގާ ރިސޯޓްތަކާއި ތަފާތު މެނޭޖްމަންޓްތަކުގައި ހިންގާ ރިސޯޓްތަކުން ވިޔަސް، އެއް ރިސޯޓުން އަނެއް ރިސޯޓަށް މުވައްޒަފުންދާނަމަ ދިހަ ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ. އަދި މަސައްކަތަށް ނިކުމެވޭނީ ިދހަ ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް، ނެގެޓިވް ޕީސީއާރު ނަތީޖާއެއް ލިބުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ އެ ގޮތަށް ހަމަޖެއްސީ ކޮވިޑްގެ ކޭސްތައް ރިސޯޓްތަކުގައި ފެންނަ މިންވަރު އިތުރުވުމާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ރިސޯޓްތަކުން ފެންނަ ގިނަ ކޭސްތަކުގައި މިހާތަނަށް ޕޮޒިޓިވްވެފައިވަނީ ރިސޯޓް މުވައްޒަފުންނެވެ.

ރިސޯޓް މުވައްޒަފުންގެ މެދުގައި ކޯވިޑްގެ ކޭސްތައް އިތުރުވާން ފަށާފައިވަނީ މިއަހަރު ފެށުނު ހިސާބުންނެވެ.

ޓޫރިޒަމް މިނިސްޓްރީން މީގެކުރިން ވިދާޅުވެފައިވަނީ ގައިޑްލައިންގައި ހުރި ކަންކަމަށް އެންމެ އެކަށީގެންވާ ގޮތުގައި އަމަލުކުރާނަމަ ރިސޯޓްތަކުން ފެންނަ ކޭސްތަކުގެ އަދަދު ދަށްވާނެ ކަމަށެވެ.

އެ މިނިސްޓްރީން ބުރާސްފަތި ދުވަހު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ ތެރެއިން 109 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައި ވަނީ 57،599 ޓޫރިސްޓުންނެވެ. އޭގެތެރެއިން 0.19 ޕަސެންޓް ފަތުރުވެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. ޕޮޒިޓިވްވި 109 ޓޫރިސްޓުންގެ ތެރެއިން 17 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، 92 މީހަކު މިވަގުތު ވެސް ޕޮޒިޓިވް އެބަ ތިއްބެވެ.