ޔޫއޭއީގެ ދުބާއީގެ އެމިރޭޓްސް އެއާލައިނުން މިމަހު މިހާތަނަށް 11،504 ފަސިންޖަރުން ރާއްޖެއަށް އުފުލައިފި އެވެ.

މިއީ ރާއްޖެ އަންނަ ބައިނަލްއަގުވާމީ އެއާލައިންތަކުގެ ތެރެއިން އެންމެ ގިނަ ފަސިންޖަރުން އުފުލި އެއާލައިނެވެ. އެމިރޭޓްސް އިން ވަނީ ބުރާސްފަތި ދުވަހުގެ ނިޔަލަށް 134 ދަތުރު ރާއްޖެއަށް ކޮށްފަ އެވެ.

މިދިޔަ މަހުގެ 18 އިން ފެށިގެން ރާއްޖެއަށް ދުވާލަކު ހަތަރު ދަތުރުކުރާ އެއާލައިނަށް 1،400 އަށް ވުރެ ގިނަ ފަސިންޖަރުން އުފުލުމުގެ ގާބިލްކަން ލިބިގެންވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ އެއާލައިނުން އެކަނި 11،504 ފަސިންޖަރުން އުފުލިއިރު ދެވަނަ އަށް އެންމެ ގިނަ ފަސިންޖަރުން އުފުލީ ގަތަރުގެ ގައުމީ އެއާލައިން، ގަތަރު އެއާވޭސް އިންނެވެ. އެ އެއާލައިނުން ވަނި 6،951 ފަސިންޖަރުން އުފުލައިފަ އެވެ. އެ އެއާލައިނުން ވަނީ 126 ދަތުރުކޮށްފަ އެވެ.

ގަތަރު އެއާވޭސް އިން ރާއްޖެއަށް ދަތުރުކުރަނީ ގަތަރުގެ ވެރިރަށް ދޯހާއިންނެވެ.

ތިންވަނަ އަށް އެންމެ ގިނަ ފަސިންޖަރުން ރާއްޖެއަށް އުފުލާފައި ވަނީ ރަޝިޔާގެ އޭރޯފްލޯޓުންނެވެ. މޮސްކޯ އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ އެއާލައިނުން ވަނީ 6،362 ފަސިންޖަރުން އުފުލައިފަ އެވެ. އެއީ 36 ދަތުރެވެ.