މިދިޔަ އަހަރަކީ އެމްޓީސީސީގެ 40 އަހަރުގެ ތާރީޚުގައި ވެސް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރު ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު އެ ކުންފުނިން ހޯދި މާލީ ކުރިއެރުންތަކާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މިދިޔަ އަހަރު އެމްޓީސީސީއަށް ޓެކްސްއަށް ކެނޑުމުގެ ކުރިން 203.11 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 172,6 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީގެ މާލީ އުސްއަލިތައް

  • އެމްޓީސީސީއަށް މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން 203.1 މިލިއަން ރުފިޔާ ލިބިފައިވޭ. އަދި ޓެކްސްއަށް 30.4 މިލިއަން ރުފިޔާ ކަނޑާފައިވޭ
  • ޖުމްލަ އާމްދަނީގެ ގޮތުގައި 1.35 ބިލިއަން ރުފިޔާ ލިބިފައިވޭ
  • ހިއްސާއަކަށް 21.48 ޖެހިފައިވޭ
  • ވިޔަފާރިކުރުމަށް އެއް ބިލިއަން ރުފިޔާ ހޭދަކޮށްފައިވޭ

އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 956 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފައިވެ އެވެ. އެ ގޮތުން 52 ޕްރޮޖެކްޓް ކުރިޔަށް ގެންދާ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެ އެވެ.

"މީގެތެރޭގައި ހިމެނޭ އޭގެކުރިން އަހަރު ފަށާފައިވާ ޕްރޮޖެކްޓްސްތަކާއި އެ އަހަރުތެރޭ ފަށާފައިވާ ޕްރޮޖެކްޓްތައް، އެމްޓީސީސީއަކީ ކުރިއަށްދާ ކުންފުންޏަކަށްވާއިރު ޕްރޮޖެކްޓްސްތައް ހިނގަމުންދާނެ، ނިމެމުންދާނެ، އަދި ފެށިގެން ވެސްދާނެ،" ސީއީއޯ ވިދާޅުވި އެވެ.

އެމްޓީސީސީގެ މިދިޔަ އަހަރު މާލީ ހިސާބުތަކާ ބެހޭ ގޮތުން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް (މ) މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: އެމްޓީސީސީ

އާޒިމް ވިދާޅުވީ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބެނީ ކޮންސްޓްރަކްޝަންގެ މަސައްކަތްތަކުން ކަމަށެވެ. އެގޮތުން އެ ދާއިރާއިން ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އޭނާ ވިދާޅުވި އެވެ.

"އެއްފަހަރާ ގާތްގަނޑަކަށް ސާޅީސް ރަށުގައި މަސައްކަތްތައް އެބަކުރެވޭ. އެގޮތުން އެއްފަހަރާއި ތިން އެއާޕޯޓުގައި މަސައްކަތްކުރުމުގެ ގާބިލްކަން އެބަހުރި. އެއްފަހަރާއި ތިން ރަށެއްގައި މަގު ހެދުމުގެ ގާބިލްކަން އެބަހުރި. އެއްފަހަރާއި ތިން ރަށެއްގައި ބިން ހިއްކުމުގެ މަސައްކަތްކުރުމުގެ ގާބިލްކަން އެބަހުރި،" އާޒިމް ވިދާޅުވި އެވެ.

ސީއީއޯ ވިދާޅުވީ ކުންފުނީގެ ފައިދާ މިދިޔަ އަހަރުގެ އިތުރުވިއިރު، އެމްޓީސީސީގެ އެސެޓް ބޭސް ވެސް މިހާރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އަހަރު ފެށިއިރު އެކުންފުނީގެ އެސެޓް ބޭސްއަކީ 2.2 ބިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު އެސެޓް ބޭސް 2.4 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.