ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓުގެ 15 ޕަސެންޓު ދެއްކުމުން އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އާބަންކޯ އިން މިއަދު ބުނެފި އެވެ.

އާބަންކޯއިން މިއަދު ބުނީ، ވިނަރެސް ފްލެޓްތަކަށް ދިގުމުއްދަތަށް ބަހާލައިގެން ފައިސާދައްކާ ފަރާތްތައް ޑައުންޕޭމަންޓް އަދަދުގެ 15 ޕަސެންޓް ދެއްކުމުން ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށެވެ. އަދި ތިން މަސްދުވަސް ތެރޭގައި ޑައުންޕޭމަންޓްގެ އަދަދު އެއްކޮށް ދައްކައި ނިމުމުން ޔުނިޓްގެ ތަޅުދަނޑި ހަވާލުކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

" މިއާއިއެކު ގަނެވިއްކުމުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އެސޫލްތަކަށް އަމަލު ކުރެވިގެންދާނެ،" އާބަންކޯއިން ބުނެ އެވެ.

ވިނަރެސްގެ ޓަވަރުތަކުން ފްލެޓް ލިބޭ މީހުންގެ ތެރޭގައި ގުޅިފަޅު، ސީލައިފް އަދި ހިޔާ ކެޓަގަރީން ފްލެޓު ލިބުނު މީހުން ހިމެނެ އެވެ. މިދިޔަ މަހުގެ 21ވަނަ ދުވަހު ވަނީ އެ މީހުންނާ ރަމްޒީގޮތުން ތަޅުދަނޑި ހަވާލުކޮށްފަ އެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރި 10 ޓަވަރުގައި ޖުމްލަ 1344 ޔުނިޓު ހިމެނެ އެވެ. އެ މަޝްރޫއުގެ ދަށުން ފްލެޓު ދީފައިވަނީ މާލޭ ރައްޔިތުންގެ އިތުރުން، މާލޭގައި އުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށެވެ.