ސަފާރީ ބޯޓުތަކަށް ޚާއްސަކޮށްގެން ތަރައްގީކުރާ ކ. ދިޔަނެރު ފަޅު ހިއްކަން ފަށައިފި އެވެ.

މާލެ ކައިރީގައި ސަފާރީ އުޅަނދުތައް ބަނދަރުކުރާނެ ޚާއްސަ ތަނެއް ނެތެވެ. އެހެންކަމުން މި އުޅަނދުތައް މިވަގުތު އަޅަމުންދަނީ ހުޅުމާލެއާއި ގުޅީފަޅުގަ އެވެ.

ދިޔަނެރު ފަޅު ހިއްކަން ފެށުމުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ މިހާރު މި ފެށުނީ ސަފާރީތަކަށް ބަނދަރެއް ލިބުމުގެ މަސައްކަތް ކަމަށެވެ. އަދި މި ބަނދަރު ތަރައްގީކޮށް ނިމުމުން މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެ އެވެ.

ދިޔަނެރު ހިއްކުމުގެ މަސައްކަތް ކުރަނީ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) އާ ހަވާލުކޮށްގެންނެވެ.

މި މަޝްރޫޢުގެ ދަށުން ދިޔަނެރު ފަޅުން ޖުމްލަ 24.6 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. ދިޔަނެރާއި ތިލަފުށި އަދި ހުޅުމާލެ ފަޅުން ޖުމްލަ 62.6 ހެކްޓަރުގެ ބިން ހިއްކުމަށް އެޗްޑީސީއިން ސީއެމްސީއަށް ހަވާލުކުރީ މިދިޔަ އޯގަސްޓް 21 ގަ އެވެ.

ކ. އާރަށް ކައިރީގައި އޮންނަ ދިޔަނެރު ފަޅުގައި ޔޮޓް މެރީނާއެއް ހަދައި ހިންގާނެ ބަޔަކު ހޯދަން 2013 ގައި ޓްރާންސްޕޯޓް އޮތޯރިޓީން ބިޑަށް ހުޅުވައިލި އެވެ. ނަމަވެސް ފަހުން އެކަން ކެންސަލްކުރީ އެވެ.