ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްކޮލަޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މި ސްކޮލަޝިޕް ފަންޑަކީ ބޭންކިން އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމުގެ އަމާޒުގައި ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އެ ބޭންކުން ހުޅުވާލި ފަންޑެކެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މި ސްކޮލަޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުން ހޮވާލެވޭ 3 ދަރިވަރުންނަށް ބޭންކިންގ އެންޑް ފައިނޭންސްގެ ރޮނގުން އެކައުންޓިން، ފައިނޭންޝަލް ޓެކްނޮލަޖީ، ފައިނޭންޝަލް އިންޖިނިއަރިން، ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލެޓިކްސް ފަދަ ދާއިރާއަކުން އަންޑަ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

އެ ބޭންކުން ބުނިގޮތުގައި އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދު ދިވެހިންގެ ތެރެއިން އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ ފަރާތްތަކަށް މި ފަންޑަށް އެދި ހުށަހޭނެ އެވެ. އަދި މި ފަންޑުގެ ދަށުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ހަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދިނުމަށް ވެސް ކަނޑައަޅާފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ.

މި ފަންޑަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު އަންނަ ނޮވެމްބަރު 4 ގެ ރޭގަނޑު 11:59 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހެ އެވެ.

މި ފަންޑުގެ ޝަރުތުތަކާއި ދަރިވަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ބެހޭ މައުލޫމާތު މި ވެބްސައިޓުން ލިބޭނެ އެވެ.