"ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ބިންތައް 10 ފަންގިފިލާއާ ހަމައަށް އިމާރާތް ކުރެވޭނެ ގޮތް ހެދުމަށް ކުރަންޖެހޭ ކަންކަން ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުން ގެންދާ ކަމަށް އާބަންކޯ އިން ބުނެފި އެވެ.

ބިންވެރިޔާ ސްކީމުން ދޫކުރާ ބިންތަކުގައި އިމާރާތް ކުރަން އާބަންކޯއިން ވަނީ ވަކި އުސޫލެއް ކަނޑައަޅާފަ އެވެ.

އެ އުސޫލުގައިވާ ގޮތުން ބިންވެރިޔާ ސްކީމުން ލިބިފައިވާ ބިންތަކުގައި އިމާރާތް ކުރެވެނީ 6 ފަންގިފިލާއަށެވެ. ނަމަވެސް އާންމު ދިރިއުޅުމުގެ ބޭނުންތަކަށް ދޫކުރާ ބިންތަކުގައި 10 ފަންގިފިލާއަށް އުސްކޮށް އިމާރާތް ކުރެވެ އެވެ.

އާބަންކޯ އިން ބުނީ ބިންވެރިޔާ ސްކީމުން ދޫކޮށްފައިވާ ބިންތައް ވެސް 10 ފަންގިފިލާއާ ހަމައަށް އިމާރާތް ކުރުމަށް ހުއްދަ ލިބޭނެ ކަމަށެވެ.

ހުޅުމާލެއިން ބިން ލިބުނު މީހުންގެ ތެރެއިން ގިނަ ބަޔަކު މަސައްކަތް ފެށުމަށް އެދެމުންދާތީ، މަސައްކަތް ފެށޭނެ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުން އިމާރާތް ކުރުމާ ގުޅޭ އުސޫލު މިއަދު ވަނީ އާބަންކޯއިން އާންމު ކޮށްފަ އެވެ.

އާބަންކޯއިން ބުނީ ވެބްސައިޓުގައި އާންމު ކުރި އުސޫލުގައި އިމާރާތް ކުރެވޭނެ ފަންގިފިލާގަ އުސްމިނަކީ 6 ފަންގިފިލާ ކަމަށް ވީނަމަވެސް އެ އުސްމިނަށް ބަދަލު އަންނާނެ ކަމަށެވެ.

އެގޮތުން އިމާރާތުގެ އުސްމިން 10 ފަންގިފިލާއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާބަންކޯއިން ބުނެ އެވެ. އެގޮތުން މިގޮތަށް ބަދަލު ގެނައުމަށް ކުރަންޖެހޭ އިދާރީ ކަންކަން ކަމާބެހޭ ވުޒާރާތަކާއި ގުޅިގެން ކުރިއަށްދާ ކަމަށް ވެސް އަބަންކޯއިން ވަނީ ބުނެފަ އެވެ. އަދި މިހާރު އެއްވެސް އުސޫލެއް ނެތި މަސައްކަތް ނުފެށިފައިވާ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ކަމަށް އާބަންކޯ އިން ބުނެ އެވެ.