މިދިޔަމަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު، ހަތް ޕަސެންޓް އިތުރުވެއްޖެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮގަސްޓްމަހު ރާއްޖެއަށް 4.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވެ އެވެ. މި އަހަރުގެ އޮގަސްޓްމަހު މި އަދަދު ވަނީ 5 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

އިމްޕޯޓް އިތުރުވި ނަމަވެސް މިދިޔަމަހު ރާއްޖެއިން މުދާ ބޭރުކުރި މިންވަރު ވަނީ ދަށްވެފަ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮގަސްޓުމަހު 125 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފަ އެވެ. މިއަދަދު ވަނީ މިދިޔަ މަހު 7 ޕަސެންޓް ދަށްވެފަ އެވެ. އެގޮތުން މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓް ކޮށްފައި ވަނީ 93 މިލިއަން ރުފިޔާގެ މުދަލެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އިމްޕޯޓް އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ވަނީ ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓްމަހު 391 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި އަދަދު ވަނީ 324 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ޤައުމުތަކަކީ އޮމާން، އިންޑިއާ، ޔޫ.އޭ.އީ، ޗައިނާ އަދި ޖަރުމަނެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އިމްޕޯޓްކުރި ގައުމުތައް:

  • އޮމާން - 887 މިލިއަން ރުފިޔާ
  • އިންޑިއާ - 736 މިލިއަން ރުފިޔާ
  • ޔޫއޭއީ -648 މިލިއަން ރުފިޔާ
  • ޗައިނާ - 398 މިލިއަން ރުފިޔާ
  • ޖަރުމަން - 364 މިލިއަން ރުފިޔާ

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައި ވަނީ ތެލާއި ގޭހުގެ ބާވަތްތަކެވެ.

އެގޮތުން މިބާވަތުން އިމްޕޯޓްކުރި މުދަލުގެ އަގު 1.1 ބިލިއަން ރުފިޔާއަށް އަރަ އެވެ. ދެން އެންމެ ގިނައިން އެތެރެކޮށްފައި ވަނީ ކެއުމަށް ބޭނުންކުރާ އެކިއެކި ބާވަތްތަކެވެ. 802 މިލިއަން ރުފިޔާގެ ކާބޯތަކެތި މިދިޔަ މަހު ވަނީ ރާއްޖެ ގެނެސްފަ އެވެ.