ހޯޑެއްދޫ ސްޕޯޓްސް އިން ތަރައްގީ ކުރި އޮޅަމައްތާ އިކޯ ޕާކު އާންމުންނަށް ހުޅުވާލާއިފި އެވެ.

ކޮންމެ އަހަރަކު މި ސަރަހައްދަށް ދިމާވަމުންދާ އުދަ އެރުމުގެ ސަބަބަން ކުރިމަތިވާ މައްސަލަތައް މި ޕްރޮޖެކްޓްގެ އަޕްގްރޭޑް އަދި އެކްސްޓެންޝަން މަސައްކަތްތަކުގެ ދަށުން ފުރިހަމަކޮށް ނިންމާލާފަ އެވެ.

ބީއެމްއެލް ކޮމުއުނިޓީ ފަންޑުގެ ޕްރޮޖެކްޓްގެ ދަށުން ވަނީ އަތިރިމަތީގައި ގަސް އިންދާ، މި ޕާކުގެ ވޯކްވޭ ސާފުކޮށް، 5 ބެންޗު އަދި ސޯލާ ލައިޓް ހަރުކޮށް، ހަޓެއް ބަހައްޓައި، ކުޅީގައި ހެދޭ ގަސްގަހާގެއްސަށް ނާސަރީއެއް ގާއިމްކޮށްފަ އެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހޯޑެއްދޫ ސްޕޯޓްގެ ފަރާތުން މަހްދޫން އާދަމް ވިދާޅުވީ މި ޕްރޮޖެކްޓް ގެ ސަބަބުން އާއިލީ ގުޅުން ބަދަހި ކުރުމަށް ހާއްސަ ސަރަހައްދެއް ގާއިމްވެ، އިކޯ ޓުއަރިޒަމް ގެ ފުރުސަތުތައް ފުޅާވެ، އާންމުންގެ މެދުގައި ޖަންގަލި އަދި ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި ހޭލުންތެރިކަން އިރުތުވެގެންދާނެ ކަމަށެވެ.

ހޯޑެއްދޫ ސްޕޯޓްސް އިން ތަރައްގީ ކުރި އޮޅަމައްތާ އިކޯ ޕާކު. މި ޕާކު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައި. ފޮޓޯ: ބީއެމްއެލް

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފަ އެވެ.